މީގެ ކުރިން ކޮންމެ ފަހަރަކު ވެސް ވެރިކަން ހޯއްދައިދެއްވަން އިއްތިހާދުވެ ކާމިޔާބު ކޮށްދެވެނީ އެއީ ކިހާވަރެއްގެ ހިޔާނާތްތެރީން ކަމެއް އެނގިވަޑައިނުގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އިއްޔެ ހަވީރު ފުވައްމުލައް ސިޓީއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ، މަލްޓި ޕާޓީ ޑިމޮކްރެސީ ރާއްޖެއަށް އައިސް ހިނގި 15 އަހަރު ދުވަހުގެ ތެރޭގައި ދިވެހިންގެ ތަނަވަސްކަން އިތުރުކޮށްދެވިފައި ނުވާ ކަމަށެވެ.
ސިޓީގެ ދަރަޖަ ދީފި ނަމަ ހާއްސަ ބާރުވެރިކަމާއި އިތުރު ކެޕިޓަލް އާއި އާމްދަނީ އާއި ހިދުމަތްތައް އެ ތަނަކުން ލިބެން ޖެހޭކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، ސިޓީއެއްގައި ހުންނަން ޖެހޭ ފެންވަރަށް ސިޓީގެ ދަރަޖަ ދިން ރަށްތައް ތަރައްގީކުރެވިފައި ނުވާ ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި މިދިޔަ ތިން ސަރުކާރުންވެސް ވަނީ ދިވެހި ދައުލަތާއި ރައްޔިތުންނަށް ހިޔާނާތްތެރިވެފައެވެ.
"އަޅުގަނޑުވެސް މި ބޭފުޅުން (ކުރީގެ ރައީސް ނަޝީދާއި، ޔާމީނާއި ސޯލިހު) ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރީމޭ، އޭރަކު އަޅުގަނޑަކަށް ނޭނގެ މިއީ މި ވަރުގެ ހިޔާނާތްތެރިން ކަމެއް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ، އެމްޑީޕީއަށް ދެ ފަހަރު ވެރިކަން ދިނުމުންވެސް ފެންނަނީ ގާނޫނު އަސާސީއާ ހިލާފު ކަންކަން ކުރާ މަންޒަރު ކަމަށާއި ޕީޕީއެމްގެ ވެރިކަމުގައިވެސް ފެނުނީ އެ މަންޒަރު ކަމަށެވެ. އަދި އެ ޕާޓީތައް މިހާރު ފެއިލްވެފައިވާ ކަމަށާއި އެ ޕާޓީތަކަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ.