ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޖުމްލަ ލޯނާއި ދަރަނި 2024 ވަނަ އަހަރު ނިމުނުއިރު 9.46 ބިލިއަން ރުފިޔާއަށް ދަށްވެފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.
މިއީ 2023 ވަނަ އަހަރު އެ ކުންފުނީގެ ދަރަނީގެ ގޮތުގައި ހުރި 10.22 ބިލިއަން ރުފިޔާއާ އަޅާކިޔާއިރު ގާތްގަނޑަކަށް 754 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މި މަހުގެ 20 ވަނަ ދުވަހު ނެރުއްވި ރިޕޯޓުން ދައްކާ ގޮތުގައި، ދަރަނި އަދާކުރި މިންވަރު އިތުރުވުމާ ގުޅިގެން އެޗްޑީސީގެ ޖުމްލަ ކެޕިޓަލްއާ އަޅާބަލާއިރު ދަރަނި ހުރި މިންވަރު ނުވަތަ ގިއަރިން ރޭޝިއޯ ވަނީ ފާހަގަކުރެވޭ މިންވަރަކަށް ދަށްވެފައެވެ. އެގޮތުން 2023 ވަނަ އަހަރު 29.2 ޕަސަންޓުގައި ހުރި ގިއަރިން ރޭޝިއޯ، 2024 ވަނަ އަހަރު ނިމުނުއިރު ވަނީ 28.9 ޕަސަންޓަށް ތިރިވެފައެވެ.
ކުންފުނީގެ ދަރަނީގެ އިންޓަރެސްޓުގެ ގޮތުގައި އެކަނިވެސް 2024 ވަނަ އަހަރު 751.8 މިލިއަން ރުފިޔާ އަރާފައިވާއިރު، އޭގެ ތެރެއިން 583.6 މިލިއަން ރުފިޔާ ވަނީ ނަގުދު ފައިސާއިން ދައްކައި ހަލާސްކޮށްފައެވެ. ދަރަނި އަދާކުރުމުގެ ގާބިލުކަން މިގޮތަށް އިތުރުވުމަކީ ކުންފުނީގެ މުސްތަގުބަލުގެ މަޝްރޫއުތަކަށް އިންވެސްޓަރުންނާއި މާލީ އިދާރާތަކުގެ އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.
އޮޑިޓުން އެނގޭ ގޮތުގައި އެޗްޑީސީގެ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ކަރަންޓް ލައިބިލިޓީ ނުވަތަ ކުރު މުއްދަތެއްގައި ދައްކަންޖެހޭ ލޯނުގެ ގޮތުގައި 1.95 ބިލިއަން ރުފިޔާ ހުރިއިރު، އެއް އަހަރަށްވުރެ ދިގު މުއްދަތުން ދައްކަންޖެހޭ ގޮތަށް 7.48 ބިލިއަން ރުފިޔާގެ ލޯނު އަދިވެސް އެބައޮތެވެ.
އެޗްޑީސީން އެންމެ ބޮޑެތި ލޯނުތަކެއް ނަގާފައިވަނީ ޗައިނާގެ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) އާއި ޗައިނާ ޑިވެލޮޕްމަންޓް ބޭންކް (ސީޑީބީ) ގެ އިތުރުން ދިވެހި ސަރުކާރު މެދުވެރިކޮށެވެ. މީގެ ތެރޭގައި ހުޅުމާލޭގައި ކުރިއަށްގެންދިޔަ 7000 ފްލެޓް މަޝްރޫޢުއާއި 1530 ފްލެޓް މަޝްރޫއު ފަދަ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ނަގާފައިވާ ބޮޑެތި ލޯނުތައް ހިމެނެއެވެ. މި ލޯނުތަކުގެ އަދަދު ބޮޑުވިނަމަވެސް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ލޯނުތައް އަދާކުރަމުން ދިއުމަކީ ކުންފުނީގެ މާލީ ރޭވުންތެރިކަން ހަރުދަނާކަން އަންގައިދޭ ކަމެއް ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.
ދަރަނި ދަށްކުރެވުނު ނަމަވެސް، ކުންފުނީގެ ބައެއް މައިގަނޑު އާމްދަނީތައް ވަނީ 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު ދަށްވެފައެވެ. ބިންތަކާއި ތަރައްގީކޮށްފައިވާ ތަންތަން ވިއްކައިގެން 2024 ވަނަ އަހަރު އެޗްޑީސީއަށް 2.81 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2023 ވަނަ އަހަރު މި ދާއިރާއިން ލިބުނު 5.89 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ދަށްވުމެކެވެ. އާމްދަނީގެ ބޮޑު ބައެއް 2023 ވަނަ އަހަރު ލިބިފައިވަނީ ބިން ވިއްކުމުގެ ހާއްސަ މަޝްރޫއުތަކެއްގެ ތެރެއިން ކަމަށްވުމުން، 2024 ވަނަ އަހަރު އެ އަދަދު ދަށްވުމަކީ ވިޔަފާރީގެ އުސުލުން ބަލާއިރު އާންމު ހާލަތެއް ކަމުގައި ބެލެވޭ ކަމަށް އޮޑިޓުގައުވެއެވެ. އެހެންނަމަވެސް، ކުލީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން 2023 ވަނަ އަހަރު ކުލީގެ ގޮތުގައި 578.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2024 ވަނަ އަހަރު އެ އަދަދު ވަނީ 670.1 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
އޮޑިޓުގައިވާ ގޮތުން އެޗްޑީސީއަށް އާމްދަނީ ލިބުނު އެހެނިހެން ދާއިރާތަކަށް ބަލާއިރު، ޑިވެލޮޕްމަންޓް އަދި ސޭލް ރައިޓްސް ވިއްކައިގެން 2024 ވަނަ އަހަރު 50.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 57.1 މިލިއަން ރުފިޔާއަށްވުރެ ކުޑަ އަދަދެކެވެ. އަދި ވިޔަފާރި ބޭނުމަށާއި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުން އެކުއިޒިޝަން ފީގެ ގޮތުގައި 93.4 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ވަދެފައެވެ. މީގެ އިތުރުން، އިންވެސްޓްމަންޓް ޕްރޮޕަޓީ ވިއްކައިގެން 2024 ވަނަ އަހަރު 1.52 ބިލިއަން ރުފިޔާގެ ފައިދާއެއް އެޗްޑީސީން ހޯދާފައިވެއެވެ.
ކަސްޓަމަރުންނާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން މައިގަނޑު އާމްދަނީގެ ގޮތުގައި 2024 ވަނަ އަހަރު ޖުމްލަ 3.53 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2023 ވަނަ އަހަރު ލިބުނު 6.53 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.
އާމްދަނީގެ ޖުމްލަ އަދަދު ދަށްވިކަމުގައިވިޔަސް، ހަރުދަނާ މާލީ ސިޔާސަތުތަކެއްގެ ތެރެއިން ކުންފުނީގެ ބޮޑު ދަރަންޏެއް އަދާކޮށް، ގިއަރިން ރޭޝިއޯ ދަށްކުރެވިފައިވުމަކީ ކުންފުނީގެ މާލީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމެއް ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން އޮޑިޓުގައިވާ ގޮތުން ދަރަނި ކުޑަކުރެވި އިންޓަރެސްޓަށް ހޭދަކުރާ މިންވަރު ކޮންޓްރޯލް ކުރެވުމަކީ ކުރިއަށް އޮތް ތަނުގައި ކުންފުނީގެ ސާފު ފައިދާ އިތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.
އަލީ ޔާމިން
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
ކޮމެންޓް