އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުދި ރަށްރަށަށް ނާރުއްވައި، އެ ރަށްރަށުގެ ވޯޓު ހޯއްދަވަން ނޫޅުއްވުމަށް ޕީއެންސީގެ ކެންޑިޑޭޓް، ޑރ މުހައްމަދު މުއިއްޒަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީން ކުޅުދުއްފުށި ސިޓީގައި މިހާރު ބާއްވަމުން އަންނަ ޖަލްސާގައި މިނިސްޓަރު ޝާހިދު ވިދާޅުވީ، ބޮޑުތިލަދުންމަތީގެ ހުރިހާ ރަށަކަށް ރައީސް ސޯލިހު ޒިޔާރަތް ކުރައްވައި، ރައްޔިތުންގެ ހާލު ގާތުން ބައްލަވާފައިވާ ކަމަށެވެ. މުއިއްޒުގެ ނަން ވިދާޅުނުވެ، ޝާހިދު ވިދާޅުވީ، އިދިކޮޅު ކެންޑިޑޭޓް ޒިޔާރަތްކުރެއްވީ ބޮޑުތިލަދުންމަތީގެ 17 ރަށަކަށް ކަމަށާއި އެހެން ހުރިހާ ރަށެއް ބާކީކޮށްލެއްވީ ކަމަށެވެ.
"ކުދިކުދި ރަށްތަކެއްވީމާ ބާކީކޮށްލާފައި ކުދިކުދި ރަށްތަކެއްވީމާ އެކަހެރިކޮށްލާފައި ކުދިކުދި ރަށްތަކެއްވީމާ ކަމެއް ނުހިންގާފައި ކުދިކުދި ރަށްތަކެއްވީމާ އެ ރަށްރަށް ނާރާފައި ރައްޔިތުންގެ ވޯޓަށް އައްސަވާނެ ކަމެއް ނެތް،" މުއިއްޒުއަށް އަމާޒުކުރައްވައި ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، މި ސަރުކާރުން ބޮޑުތިލަދުންމައްޗަށް ގެނެސްދިން ތަރައްގީ ކުރީގެ ހުރިހާ ސަރުކާރުތަކުން ބޮޑުތިލަދުންމައްޗަށް ގެނެސްދީފައިވާ ތަރައްގީއާ ނުބައްދަލު ކަމަށެވެ. އެގޮތުން މި ސަރުކާރުން ބޮޑުތިލަދުންމަތީގައި 51.3 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، މަންޒަރު މިހާރު ސާފު ކަމަށާއި ފެންނަނީ ރާއްޖެ އެއްކޮށް އެއްފަޅިއަކަށް އަރައި ރައީސް ސޯލިހު އެއްބުރުން އިންތިހާބުކުރާ މަންޒަރު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު