އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު، ވޯޓު ކަރުދާހުގައި ފާހަގަ ޖަހަންޖެހޭނީ، ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމަކުން ކަމަށާއި އެ ނޫން ކުލައަކުން ފާހަގަޖަހާ ވޯޓު ކަރުދާސް ގުނާނި ބާތިލު ވޯޓެއްގެ ގޮތުގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އިންތިހާބީ މައި މަރުކަޒު، ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ވޯޓުގެ ސިއްރުކަން ގެއްލިދާނެ ހާލަތްތަކެއް އަތުވެދާނެ ކަމަށް ބައެއް ސިޔާސީ ޕާޓީތަކުން ތުހުމަތުކޮށް މައްސަލަތަކެއް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އިންތިހާބުތަކުގައި ދޭ ވޯޓަކީ ސިއްރު ވޯޓެއްކަން ކަށަވަރު ކުރަން ގާނޫނުއަސާސީއާއި ގާނޫނުތަކުން އީސީއަށް ލާޒިމުކުރާތީ، އިއްޔެ ބޭއްވި ކޮމިޝަންގެ ޖަލްސާގައި އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ކޮމިޝަނުން ނިންމުންތަކެއް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
"ލަފާ ދޭ ކޮމިިޓީގައި ޕާޓީތަކުން ހުށަހެޅި ފުރަތަމަ މައްސަލައަކީ ވަކި ކުލައަކުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ރޭވެމުންދާ ކަމަށް، އިންތިހާބު ތަކާބެހޭ އާއްމު ގާނޫނުގައި އަދި ގަވާއިދުގައިވެސް މި ބުނަނީ ވޯޓުލާ މަރުކަޒަށް އަންނަ މީހަކު އޭނައަށް ވޯޓުލާ މަރުކަޒަށް ވެއްދޭނީ އާދައިގެ ގަލަމެއް އެކަންޏޭ، އެހެން އިތުރު އެއްޗެއް އޭނައަކަށް ނުވެއް ގެނެވޭނެ، އެހެންވީމަ ކޮމިޝަނުން އިއްޔެ ނިންމި ނިންމުމަކީ އާދައިގެ ގަލަމަކީ ކޮބައިތޯ ނިންމި ނިންމުމެއް،" ހަބީބު ވިދާޅުވިއެވެ.
އެގޮތުން އާދައިގެ ގަލަމުގެ ކުލައަކީ ކަޅު ނުވަތަ ނޫކުލައިގެ ގަލަން ކަމަށް ނިންމާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.
"އާދައިގެ ގަލަމެއް ގޮތަށް ކޮމިޝަނުން ނިންމި ނިންމުމުގައި މި އޮންނަނީ، އާދައިގެ ގަލަމެއްކަމުގައި ކޮމިޝަނުން ބަލަނީ ކަޅު ނުވަތަ ނޫކުލައިގެ ގަލަމެއް ކަމަށް. އެހެންވީމަ ވޯޓުލާ މަރުކަޒަށް ވޯޓުލާ މީހަކު ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ނޫން ގަލަމެއް ގެނެއްސިއްޔާ އެއީ ގާނޫނުގައި މި ބުނާ އާދައިގެ ގަލަމެއް ނޫން ކަމަށް އޮފިޝަލުން ބަލާނީ، އަމިއްލަ ގަލަމެއް ހިފައިގެން އަންނަ މީހާގެ ގަލަން ޗެކް ކުރާނެ،" ހަބީބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ވޯޓުލާ މަރުކަޒުގެ ވޯޓިން ބޫތުގައި ގަލަމެއް އޮންނާނެ ކަމަށާއި އެެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ބޫތުގައި އޮންނަ ގަލަން ބޭނުންކުރުން ކަމަށެވެ.
ދެވަނަ ކަންބޮޑުވުމެއްގެ ގޮތުގައި ޕާޓީތަކުން ފާހަގަކުރީ ބައެއް ކަހަލަ މަޖުބޫރީ ހާލަތްތަކެއް ދިމާވެގެން ވޯޓުލާ ކަރުދާހުގައި އެއް ފާހަގައަށްވުރެ ގިނަ ފާހަގަ ޖަހާ މައްސަލައެވެ. އެ މައްސަލަ ހައްލުކުރުމަށް އީސީން ވަނީ، ވޯޓު ކަރުދާހުގައި ގިނަ ފާހަގަ، ނިޝާން ނުވަތަ ކުރެހުމެއް ކަހަލަ އެއްވެސް އެއްޗެއް ޖަހާފައިވާ ނަމަ، އެ ވޯޓަކީ ބާތިލު ވޯޓެއް ކަމުގައި ބެލުމަށް ނިންމައިފައެވެ.
"ކުރީގެ އިންތިހާބުތަކުގައި ބައެއް ފަހަރަށް އުމުރުން ދުވަސްވީ ބޭފުޅުންނަށް އެ ބޭފުޅުން ފާހަގަލައްވާއިރު ރަނގަޅު ނޫން ގޮތަކަށް ފާހަގަޖެހިފައި އޮވެއްޖެއްޔާ ދެވަނަ ފަހަރަށް ރަނގަޅު ކޮށްލަން އިތުރު ރަނގަޅު ފާހަގައެއްލާ، އެހެންވީމަ ވޯޓުލާ މީހާގެ ނިޔަތަކީ ރަނގަޅު ފާހަގައެއް ޖެހުން ކަމަށް ކޮމިޝަނުން ބަލަމުން އައީ، ނަމަވެސް މިކަމުން ނާޖާއިޒް ފައިދާއެއް އެއްވެސް ބަޔަކު ނަގާ ކަމަށް ވަންޏާ އެ ކަމަކީ ކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމެއް، އެހެންވީމަ ކޮމިޝަނުން އިއްޔެ ނިންމި ދެވަނަ ނިންމުގައި މި އޮންނަނީ ކޮންމެ މީހަކުވެސް އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި އެންމެ ފާހަގައެކޭ ޖެހޭނީ އިތުރު ފާހަގައެއް ޖަހައިފިއްޔާ، އިތުރު ކުރެހުމެއް ކުރަހައިފިއްޔާ އިތުރު ލިޔުމެއް ލިޔެފީވިއްޔާ އިތުރު ނިޝާނެއް ޖަހައިފިއްޔާ އެ ވޯޓު ވެގެންދާނީ ބާތިލު ވޯޓަކަށް ކަމަށް،" ހަބީބު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު