ކާޑެއްދޫ އެއާޕޯޓް އަލުން އަނބުރާ ސަރުކާރަށް ނަގާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ގދ. ތިނަދުއަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓުގެ ހިދުމަތްތަކުގެ ފެންވަރު ވަރަށް ދެރަ ކަމަށާއި އެ އެއާޕޯޓުން ލަގެޖު އުފުލާނެ ޓްރޯލީއެއް އަދި ވަންނާނެ ފާހާނާއެއްވެސް ނެތް ކަމަށެވެ.

"މިކަން ނުކުރެވި އަމިއްލަ ވިޔަފާރިވެރިންގެ ދަށުވެގެން ސަރުކާރެއް ނުހިންގޭނެ. ކަންކަން ކުރަން އެނގިގެން ކަންކަން ކުރަން އަންނަން ޖެހޭނީ. އަޅުގަނޑަށް ގަބޫލުކުރެވޭ އެކަން ކުރެވިދާނެ ކަމަށް، ސަރުކާރަށް ނަގައިގެން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރާނެ ކަމަށެވެ.

ކާޑެއްދޫ އެއާޕޯޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހީމްގެ ވިލާ އެއާ ކުންފުންޏަށް 50 އަހަރަށް ދީފައިވާ އެއާޕޯޓެކެވެ. ނަމަވެސް 2017 ވަނަ އަހަރު އެ މިނިސްޓްރީން ވަނީ އެއްބަސްވުމާ އެއްގޮތަށް ކާޑެއްދޫ އެއާޕޯޓް ވިލާ އެއާއަށް ތަރައްގީ ނުކުރެވޭތީ އެއްބަސްވުން ބާތިލުކޮށްފައެވެ.

ނަމަވެސް ސުޕްރީމް ކޯޓުން 2021 ވަނަ އަހަރު ނިންމީ، އެއްބަސްވުން ބާތިލުކޮށްފައި ވަނީ ގާނޫނާހިލާފަށް ކަމަށެވެ. އަދި ވިލާއެއާށް ގެއްލުމުގެ ބަދަލު ދައުލަތުން ދޭން ޖެހޭނެ ކަމަށްވެސް ހުކުމްކޮށްފައިވެއެވެ. އެ ހުކުމާ އެއްގޮތަށް އަމަލުކޮށް، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކާޑެއްދޫ އެއާޕޯޓް، ވިލާ އެއާ ހަވާލުކޮށް، ގެއްލުމުގެ ބަދަލު ދީފައެވެ.