ތ. ހިރިލަންދޫ ފަޅު އިތުރަށް ހިއްކައި، އެރަށުގެ މަސްވެރިކަމަށް ފަހިވާގޮތަށް އެރަށުގެ ބަނދަރު ބޮޑުކޮށްދީ، އެ ރަށުގައި ރަނގަޅު ފެންވަރުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމް ކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިއަދު މެންދުރު ހިރިލަންދުއަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ހިރިލަންދޫ ފަޅަކީ ދުރު ރާސްތާއަށް ވިސްނައިގެން ގިނަ އަހަރުތަކަކަށް ބިން އިތުރުކުރެވޭނެ ސަރަހައްދު ތަކަކީ ކޮބައިތޯ ބަލައި، އެކަން އެންމެ ރަނގަޅަށް ކުރެވޭނެ ތަންތަން ދެނެގަތުމަށް ދިރާސާކޮށް ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ފާސްކުރި އާބަން ޑިވެލޮޕްމެންޓް ޕްލޭންގައި ހިމެނޭ ފަޅެއް ކަމަށެވެ.
އެގޮތުން "ހިރިލަންދޫ ފަޅަކީ ވަރަށްބޮޑު ފަޅެއް، 25 ހެކްޓަރު ހިއްކުމަކީ ވަރަށް ކުރު ރާސްތާގެ ވިސްނުމެއް. އެހެންވީމަ އަޅުގަނޑުމެންގެ ޕްލޭނަކަށް ވާނީ ރައީސް ޔާމީންގެ ދުރުވިސްނުން ފުޅުން ދުރުރާސްތާއަށް ވިސްނައިގެން ވަރަށް މުހިއްމު ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދެވޭނެ ފަޅެއްމީ. އެހެންވީމާ މިވަގުތު 25 ހެކްތަރު އޮތް ނަމަވެސް، މުޅި ރާއްޖެއަށް ފައިދާ ވާގޮތަށް ބިން ހިއްކުމުގެ މަޝްރޫއެއް ގެންދިއުމަކީ ވިސްނުމެއް. އޭރުން ގެދޮރުވެރިކަމާއި އިގުތިސޯދީ މަސައްކަތްތަކަށް ފުރުސަތު ލިބިގެންދާނެ،" ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހިރިލަންދޫއަކީ މަސްވެރިކަމުގެ ރަށަކަށްވާތީ، މަސްވެރިކަމަށް ފަހިވާގޮތަށް އެރަށުގެ ބަނދު ބޮޑުކޮށް ދެއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި ރަށުގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުން، އިގުތިސޯދަށް ފަހިވެ ވިޔަފާރިތައް ކުރިއަރަމުންދާނެ ކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ، އެރަށުގެ މަގުތައް ރަނގަޅު ފެންވަރަކަކަށް ހަދައިދެއްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ، އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ރަށްރަށުގައި ހިންގާ މަޝްރޫއުތައް ހުއްޓާލާނެ ކަމަށް ވާހަކަ ދައްކާ ކަމަށާއި ނަމަވެސް އޭނާ މަޝްރޫއުތައް ހުއްޓާނުލާނެ ކަމަށެވެ. އަދި އޭނާ ވެރިކަމަށް ވަޑައިގަންނަވާ އެއް ސަބަބަކީ މަޝްރޫއުތައް ހުއްޓިފައި ހުރުން ކަމަށާއި އެހެންކަމުން ތަރައްގީގެ އެއްވެސް މަޝްރޫއެއް އެއްވެސް ރަށަކުން ހުއްޓައި ނުލާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އަދި މަޝްރޫއުތައް ކުރިއަށް ގެންދާނީ، ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ރަނގަޅުކޮށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު