އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށްޓަކައި، ވޯޓުލާ މަރުކަޒުތަކުގައި ބަހައްޓާ ވޯޓުލާ ބޫތުތަކާއި، ވޯޓު ކަރުދާހުގައި ފާހަގަ ޖަހައިފާނެ ގޮތަކާބެހޭ ކަންބޮޑުވުންތަކެއް ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އިސީގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، "ވޯޓުލާ މަރުކަޒުގައި އަޅުގަނޑުމެން މިހާރު މި ބަހައްޓާ ބޫތު ބަހައްޓާ ގޮތުން ފަހަރެއްގައިވެސް ފޮޓޯ ނެގުމާއި އަދި ޖީބުން ކަރުދާސްކޮޅެއް ނަގައިގެން އޭގެ ބޭނުންކުރުން ކަހަލަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ކުރެވޭތީ ޕާޓީތަކުގެ ކަންބޮޑޫވުންތަކެއް އެބަހުރި،" ކަމަށެވެ. ހަމަ އެއާއެކު "އެކި ކުލަކުލައިން ފާހަގަ ޖެހުމާއި، އެއް ފާހަގައަށްވުރެ ގިނަ ފާހަގަ ޖަހާ ވާހަކައިގެ ޝަކުވާ ޕާޓީތަކުން ކޮށްފަ އެބައޮތް،" ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ، އެކަންކަމާބެހޭގޮތުން ލަފާދޭ ކޮމިޓީއާ މަޝްވަރާކޮށް އެބޭފުޅުންގެ ހިޔާޅުވެސް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އެކަންކަމާބެހޭގޮތުން، އީސީގެ ބައްދަލުވުމެއް ބޭއްވުމަށްފަހު އެކަމުގައި އީސީން ނިންމާގޮތެއް އާންމު ކުރާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ، އިންތިހާބުގެ ސިއްރުކަން ގެއްލި، އިންތިހާބަށް ނުފޫޒު ފޯރުވުމަށް އިންތިހާބުގެ އެއްވެސް ހިސާބަކުން އެއްވެސް ފަރާތަކަށް އީސީން ފުރުސަތު ނުދޭނެ ކަމަށެވެ.

ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުން އަޑުއަހައި ވޯޓުގެ ސިއްރުކަން ކަށަވަރުކޮށް، އެމީހާ އަމިއްލަ އިހުތިޔާރުގައި ވޯޓުލުމަށް ކުރަން ބޭނުންވާ ކޮންމެ ކަމެއް ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކޮށްދިނުމަށް އީސީ އޮތީ ތައްޔާރަށް ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ބައެއް ސިޔާސީ ޕާޓީތަކުން އީސީއަށް ބައެއް ތުހުމަތުތައް ކުރަމުންދާކަން ފާހަގަ ކުރައްވައި، ހަބީބު ވިދާޅުވީ "ބައެއް ފަހަރު ސިޔާސީ ގޮތުން ބައެއް ކަހަލަ ވާހަކަތައް އަޑުއިވުނަސް އިންތިހާބުގެ އެއްވެސް ހިސާބެއްގައި މަކަރެއް، ހަމަނުޖެހުމެއް ހިނގުމުގެ ފުރުސަތެއް ނުދޭނަން، ހާއްސަ ގޮތެއްގައި ވޯޓުލާ މީހާ ވޯޓުލާ މަރުކަޒަށް އައުމަށްފަހު، އޭނާގެ އަމިއްލަ އިހުތިޔާރުގައި ހަމަ ވޯޓު ކަރުދާސް ހިފައިގެން ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން އޭނާ ކުރަން ޖެހޭ ކަމެއް ކުރުމަށް ފަހު އޭނަ ނުކުމެގެން ދިއުމާ ހަމައަށް އޭނާގެ މައްޗަށް އެއްވެސް ނުފޫޒެއް އެއްވެސް ފަރާތަކުން ނުފޯރާނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންދެން،" ކަމަށެވެ.

ހަބީބު ވިދާޅުވީ، މިފަހަރުގެ ވޯޓުލާ ބޫތުތައް އިންތިޒާމު ކޮށްފައި ވަނީވެސް ވޯޓުލާ މީހާގެ ހުރިހާ ހަރަކާތެއް މޮނިޓާ ކުރެވޭ ގޮތަށް ކަމަށެވެ.

"ވޯޓުލާ މީހާ ފާހަގަ ޖަހާއިރު އޭނާގެ ހަރަކާތްތައް ފެންނަ ގޮތަށް ވޯޓުލާ މަރުކަޒު އިންތިޒާމު ކުރާނީ، އެހެންވީމާ އޭނާގެ ހަރާތްތައް ބެލުމަށް އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ތިއްބަވާނެ އަދި އަޅުގަނޑުމެންގެ އޮފިޝަލުންވެސް އެކަމަށް ފާރަވެރިވާނެ،"

ވޯޓުލާން އަންނަ މީހާ ބޭރުން ކަރުދާސް ގެނަޔަސް ވޯޓު ފޮއްޓަށް ލުމާއި ވޯޓުލާން ދާ މީހާ ވޯޓު ކަރުދާސްކޮޅު ފޮރުވައިގެން ބޭރަށް ގެންދިއުމުގެ ކަންބޮޑުވުން ނޫސްވެރިން ފާޅު ކުރުމުން، ހަބީބު ވިދާޅުވީ، ވޯޓު ލުމަށް ވޯޓު ކަރުދާސް ދޫކުރާނީ އީސީން ތައްގަނޑެއް ޖެހުމަށްފަހުގައި ކަމަށެވެ. އެހެންކަމުން ބޭރުން ގެނަޔަސް ފޮއްޓަށްލާ ކަރުދާސް ކޮޅެއްގެ ސައްހަ ކަމެއް ނޯންނާނެ ކަމަށެވެ.

"ވޯޓު ކަރުދާސްކޮޅަކީ، މާ ކުޑަ ކަރުދާސް ކޮޅެއް ނޫން، ފުދޭ ވަރެއްގެ ބޮޑު ސައިޒެއްގަ ހުންނާނީ، އެހެންވީމާ އެ ކަރުދާސްކޮޅު އެހާ ފަސޭހަކޮށް ޖީބަކަށްވެސް ނުލެވޭނެ، ކަރުދާސްކޮޅު ދޫކުރުމަށްފަހުގައި ގެނެސް ފޮއްޓަށް ވައްޓާލަންދެން ހަމައެކަނި ފާހަގަ ޖަހާ ވަގުތު އެކަނި ލޯމަތިން ގެއްލޭނީވެސް އެހެންވީމަ އެއީ ވާނެ ކަމެއް ނޫން، ތިޔަރިޓިކަލީ ދައްކާ ވާހަކަ އެ ހުންނަނީ އެއީ ޕްރެކްޓިކަލީ ކުރެވޭނެ ކަންތައްތަކެއް ނޫން،" އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވިއެވެ.

"އިންތިހާބާބެހޭ ޝަކުވާތައް މީޑިއާ އާއި ސޯޝަލް މީޑިއާގައި ދެއްކުމުގެ ބަދަލުގައި އެ އޮންނަ އުސޫލުން ޝަކުވާ ހުށަހެޅުމަށް އިލްތިމާސްކުރަން،" ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.