ރާއްޖޭގައި ތިބި ބޭރުގެ ހުރިހާ ސިފައިން ފޮނުވާލަން ޖެހޭނެ ކަމަށާއި އެކަމާ ބަހުސް ނުކުރެވޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުގައި މިހާރު ކުރިއަށްދާ "ސަންގު ބަހުސް" ގައި މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބެގެން ނުވާނެ ކަމަށެވެ. އަދި އެއީ ދިވެހިން އެދޭ ގޮތެއް ނޫން ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ދިވެހިންގެ އަމިއްލަވަންތަކަން މިހާރު ނެތް ކަމަށާއި އަމިއްލަ މިނިވަންކަމެއް މިހާރު ނެތް ކަމަށެވެ.

"ބޭރުގެ ސިފައިން ފޮނުވާލަން ޖެހޭ. އެއީ ނަން ނެގޯޝިއެބަލް ކަމެއް" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާނުލެވޭ ނަމަ މިނިވަންކަމުގެ ވާހަކަ ދައްކާނެ ކަމެއް ނެތް ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އިހުތިރާމްކުރާ ހުރިހާ ގައުމަކާއެކު ހާރިޖީ ގުޅުން ބަދަހިކުރާނެ ކަމަށެވެ.