ޔޫރަޕުގެ ފާމަސޫޓިކަލް އުފެއްދުންތައް އުފެއްދުމުގައި އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ އިނގިރޭސިވިލާތުގެ އެސްޓްރަޒެނެކާ ކުންފުނީގެ އެސްޓީއޯ އިން ރާއްޖެ އަށް ތައާރަފުކޮށްފިއެވެ.

އެސްޓްރާޒެނެކާ އަކީފުޅާ ދާއިރާއެއްގައި ބޭހާއި ވެކްސިން އުފައްދާ ކުންފުންޏެވެ. ކޮވިޑްގެ ފަރުވާއަށް އެސްޓްރާޒެނިކާ ވެކްސިން ވެސް އުފެއްދީ އެ ކުންފުނިންނެވެ.

އެސްޓްރަޒެނެކާގެ މި އުފެއްދުންތައް އެސްޓީއޯއިން ފޯރުކޮށްދެމުންދާނީ ރާއްޖޭގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓަރުގެ ގޮތުގައެވެ.

ކުރުނބާ މޯލްޑިވްސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ އެސްޓްރަޒެނެކާގެ ނަމަކީ ކޮވިޑްގެ ތެރޭގައި ވަރަށް ގަދައަށް އިވި އާއްމުންގެ އިތުބާރު ލިބިފައިވާ ބްރޭންޑެއް ކަމަށެވެ.

އެސްޓީއޯއިން ބުނީ ބޭސް އުފައްދާ ސީދާ ކުންފުންޏާ ގުޅިގެން ބޭސް ގެނައުމަކީ ހަރަދު ކުޑަކޮށް ބޭސް އެތެރެކުރުމަށާއި ދާއިމީ ބަލިތަކަށް އާންމުކޮށް ބޭނުންކުރަން ޖެހޭ ބޭސް ހުސްނުވެ، ލިބޭނެކަމުގެ ޔަގީންކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ބާރު ލިބިދޭ ކަމެއް ކަމަށެވެ.

އެސްޓްރަޒެނެކާއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން ވަނީ 14 ބޭހެއް އާސަންދައިގެ ދަށުން ކަވަރުކުރުމަށް ރަޖިސްޓްރީ ކޮށްފައެވެ. އޭގެ ތެރޭގައި ކެންސަރު، ގޭސްޓްރިކް، އަދި ހަކުރު ބަލި ފަދަ ބަލިތަކަށް ހާއްސަ ބޭސް ހިމެނެއެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ އިތުރު މެދުވެރިއަކާ ނުލައި ބޭހާއި ސިއްހީ ދާއިރާގެ އުފެއްދުންތައް އުފައްދާ ސީދާ ކުންފުނިތަކުން ރާއްޖެ އަށް އެ ތަކެތި އެތެރެކޮށް ފުޅާދާއިރާއެއްގައި ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި މި ފަދަ ބޮޑު ބްރޭންޑެއްގެ ބޭސް ރާއްޖެ އަށް ލިބުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެ އެވެ.

އެސްޓީއޯއިން ބުނީ، އެކުންފުނީގެ އަމާޒަކީ ސިއްހީ ދާއިރާގެ އުފެއްދުންތައް އުފައްދާ ސީދާ ކުންފުނިތަކުން ފެންވަރު ރަނގަޅު ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ފުޅާދާއިރާއެއްގައި ލިބޭނެ މަގު ރައްޔިތުންނަށް ފަހިކޮށްދިނުން ކަމަށެވެ.

އޭގެ ސަބަބުން ޑޮކްޓަރުން ބޭސް ލިޔެދިނުމުގައި ފެންވަރު ރަނގަޅު ބޭސް އިހުތިޔާރު ކުރާނެ ދާއިރާ ފުޅާވެ، ބަލި މީހާއަށް އަވަހަށް ނަތީޖާ ފެންނާނެ ފަދަ ގޮތަކަށް ފަރުވާ ލިބުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯއިން މިހާރުވެސް އަންނަނީ ރާއްޖެއަށް ބޭނުންވާ ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އެތެރެކުރުމަށް 26 ކުންފުންޏަކާ އެކު އެއްބަސްވުން ހަދައި އެ ކުންފުނިތަކުން ރާއްޖެއަށް ބޭސް އެތެރެ ކުރަމުންނެވެ.