އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ބޮޑީ ވޯން ކެމެރާ ބޭނުން ކުރާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ރިޔާސީ އިންތިހާބާ ގުޅިގެން ދިވެހި ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން ބްލޫ ވޭވް"ގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނިއުސްކޮންފަރެންސްގައި އިންތިހާބުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމާ ހަވާލުވެ ހުންނެވި، ޑެޕިއުޓީ ކޮމާންޑަރު ޗީފް ސުޕްރިންޓެންޑް އަހުމަދު މުސްލިމް ވިދާޅުވީ އިންތިހާބާ ބެހޭގޮތުން ފުލުހުންނާ ހަވާލު ކޮށްފައިވާ ސެކިއުރިޓީ ކަންކަމާބެހޭ މަސްއޫލިއްޔަތުތައް ވީހާވެސް ރަނގަޅަކަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.

އިންތިހާބާބެހޭ ކަންތައްތަކުގެ ތެރެއިން މިހާރު ފުލުހުން ކުރަމުންދާ މަސައްކަތްތަކަކީ ވޯޓު ކަރުދާސްތަކާއި ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އިލެކްޝަންސްގެ ބެއްލެވުމުގެ ދަށުން ރަށްރަށަށް ގެންދިއުން ކަމަށާއި ވޯޓު ކަރުދާސް ގެންދިއުމަށްފަހު އޭގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓަމުން ގެންދާނީވެސް ފުލުހުން ކަމަށްވެސް ވިދާޅުވިއެވެ.

މި އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ކަންތައްތައްވެސް ހާއްސަ އިންތިޒާމުތަކެއްގެ ދަށުން ކުރިއަށް ގެންދާ ކަމަށާއި އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ފުލުހުންނަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ހަމަކޮށް އިންތިހާބަށް ތައްޔާރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންތިހާބުގައި ބޮޑީވޯން ކެމެރާ ބޭނުން ކުރާ ގޮތަށް ނިންމީ އެ އިންތިޒާމުތަކުގެ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޮޑީ ވޯން ކެމެރާ އާއެކު ވޯޓުލާ މަރުކަޒު ތެރެ އާއި ޕޯލިން ސިސްޓަމް ތަކުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށާއި އެ ކެމެރާ ބޭނުން ކުރާނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށްވެސް އަހުމަދު މުސްލިމް ވިދާޅުވިއެވެ.