ރާއްޖެ އާއި ރާއްޖޭން ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުން ހިމެނޭގޮތުން، 8499 ފަރާތަކުން، މިމަހު ނުވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކަންކަން އޮބްޒާވް ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އިންތިހާބުގެ ކަންތައްތަކާބެހޭ މައުލޫމާތު ދެއްވަމުން، އީސީގެ ނާއިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ، އިންތިހާބުގެ ކަންކަން ބެލުމަށްޓަކައި، އިންޓަޝޭނަލް އޮބްޒާވަރުންގެ ގޮތުގައި މިހާރު 143 ފަރާތް އީސީގައި އެކްރެޑިޓް ކޮށްފައިވާ ކަމަށެވެ. އިންޓަނޭޝަނަލް މޮނިޓަރުންގެ ގޮތުގައި 22 ފަރާތް އެކްރެޑިޓްކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ރިޔާސީ އިންތިހާބުގެ ކަންކަން އޮބްޒާވް ކުރުމަށް ރާއްޖޭން ބޭރުން 165 ބޭފުޅުން ވަޑައިގަންވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެމީހުން މިމަހުގެ ހަ ވަނަ ދުވަހު ރާއްޖެ އަންނަން ފަށާނެ ކަމަށެވެ.
ހަބީބު ވިދާޅުވީ އޮބްޒާވަރުނާއި މޮނިޓަރުންނާއި ކެނޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ރާއްޖޭން އެކަނިވެސް 8334 މީހުން މި އިންތިހާބުގެ ކަންކަން ބަލަމުން ގެންދާނެ ކަމަށެވެ. އޭގެ ތެރެއިން އޮބްޒާވަރުންގެ ގޮތުގައި 3034 މީހުން އެކްރެޑިޓް ކޮށްފައިވާ ކަމަށާއި، މޮނިޓަރުންގެ ގޮތުގައި 3810 މީހުން އެކްރެޑިޓް ކޮށްފައިވާއިރު، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 1490 ހިމެނޭކަމަށްވެސް ހަބީބު ވިދާޅުވިއެވެ. ރާއްޖޭން އެކަނި އިންތިހާބުގެ ކަންކަން ބަލާމީހުންގެ އަދަދު 8334 އެވެ.
ހަބީބު ވިދާޅުވީ އެ ފަރާތްތަކަށް ފާސް ދޫކުރުމާއި އިރުޝާދު ދިނުމުގެ ކަންތައްތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
ޚަބަރު
ޚަބަރު