ޚަބަރު

ދަނގެތީގެ ފެނުގެ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

ފަތިމަތު ލިއުޝާ

އދ. ދަނގެތީގެ ފެނުގެ ނިޒާމުގެ ވިއުގަ ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ފައްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފާއި ދަނގެތީގެ ކައުންސިލްގެ ނައިބް ރައީސް އިމްރާން އަހުމަދެވެ.

މި ރަސްމިއްޔާތުގައި ދަނގެތި ކައުންސިލްގެ ނައިބް ރައީސް އިމްރާން ވިދާޅުވީ ދަނގެތީގެ ފެނުގެ ނިޒާމަކީ 2018 ވަނަ އަހަރުގައި ގާއިމު ކުރި ނިޒާމެއް ނަމަވެސް، މިއަދާ ހަމައަށްވެސް އެ ނިޒާމްގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބިފައި ނުވާ ކަމަށެވެ. އަދި ދަނގެތީގައި 18 ގެސްޓް ހައުސްއާއެކު 280 އެނދު އޮޕަރޭޓް ކުރަމުންދާ އިރު، ދަނގެތީގެ ފެން ލޮނުވެފައިވާ މައްސަލައަކީ އަބަދުވެސް ފަތުރުވެރިންގެ ޝަކުވާއެއްކަން އިމްރާން ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އަހުމަދު ޝަރީފް ވިދާޅުވީ ސްޓެލްކޯއާ ހަވާލުވެވަޑައިގެންނެވުމަށްފަހު ދަނގެއްޗަށް ކުރި ފުރަތަމަ ދަތުރުގައި ދަނގެތީގެ ކައުންސިލްގެ ފަރާތުން ފެނުގެ ނިޒާމުގެ މައްސަލަ ހުށަހެޅި ކަމަށެވެ. އަދި އޭރުވެސް ދަނގެތީގެ ފެނުގެ ނިޒާމް ފުރިހަމަ ކުރެވިފައި އޮތް ނަމަވެސް ރައްޔިތުންނަށް އޭގެ ފޮނި މީރުކަން ނުލިބޭ ކަމުގެ ޝަކުވާ ކައުންސިލުން ހުށަހެޅި ކަމަށެވެ.

ޝަރީފް ވިދާޅުވީ، ދަނގެތީގެ ފެނުގެ ނިޒާމް ގާއިމު ކުރުމަށްޓަކައި 2014 ވަނަ އަހަރު ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްގެން 2018 ވަނަ އަހަރު އެ ޕްރޮޖެކްޓް ފުރިހަމަކޮށް ހައުސިން މިނިސްޓްރީއާ ހަވާލު ކުރި ކަމަށާއި އަދި ސަރުކާރުން އެ ނިޒާމް ސްޓެލްކޯއާ ހަވާލު ކުރުމަށް މަސައްކަތް ކުރި ކަމަށެވެ.

ނަމަވެސް ސްޓެލްކޯއިން އެކަހަލަ އެއްވެސް ހިދުމަތަކާ ހަވާލުވުމުގެ ކުރިން ބަލާ މިންގަނޑުތަކެއް ހުންނަ ކަމަށާއި އެ މިންގަނޑުތަކަކީ ހިދުމަތް ދޭން ފަށާއިރުގައި އެ ހިދުމަތްދިނުމަށް ބޭނުންވާ ފުރިހަމަ ނިޒާމް ގާއިމް ކުރެވިފައި އޮތްތޯ ބެލުން ކަމަށް ވިދާޅުވިއެވެ.

"ސްޓެލްކޯއަށް ލިބުނު މައުލޫމާތުގެ އަލީގައި ދަންނަވާކަމަށްވާނަމަ، ބޭރުގެ އެކުންފުނިން މިތަނަށް އަޅާފައި އޮތް ފެނުގެ ނިޒާމަކީ އެއްގޮތަކަށްވެސް މިވަރުގެ ރަށެއްގެ ރައްޔިތުންނަށް ފެނުގެ ހިދުމަތް ދިނުމަށް އެކަށީގެންވާ ފެނުގެ ނިޒާމެއް ނޫން. އޭގެ ދެ ސަބަބަކީ ސްޓޯރޭޖް ޓޭންކުގެ ގޮތުގައި ކަނޑައަޅާފައިވާ ޓޭންކުގައި ދަބަރު ޖެހުމާއެކު، ލޯވަޅު އެޅި ފެން ހިފަހައްޓަ ނުދިނުމާއި އަދި އާރުއޯ ޕްލާންޓުވެސް އެކަށީގެންނުވާ ޕްލާންޓެއް ހުރުމުން އެއަށް ބޭނުންވާ ވަރަށް ނޫފެއްދޭ ވަރުގެ ޕްލާންޓް ހުރުމާ އެކު އެއަށްވުރެ މުހިއްމު. އަދި މި ހިދުމަތް އެއްގޮތަކަށްވެސް ނުދެވޭނެ ސަބަބަކީ އެތަނުގައި އަޅާފައިވާ ހޮޅިތައް ނުވަތަ ނެޓްވޯކްތަކަކީ އެއްގޮތަކަށްވެސް ފެނުގެ ނިޒާމްގައި ބޭނުން ކުރުމަށް ފެން ޕްރެޝަރުގައި ދޫކޮށްލުމަށް އެކަށީގެންވާ ހޮޅިއެއް ނޫން" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ދަނގެތީގައި މިވަގުތު އަޅާފައި އޮތް ފެނުގެ ވިއުގައިގައި ފެން ޕްރެޝަރުގައި ދޫކުރުމާ އެކު ލީކުވާން ފަށާ ކަމަށާއި ހޮޅި އެކި ދިމަދިމާލުން ފަޅައިގެންދާ ކަމަށެވެ. އެހެންވެ މިނިސްޓްރީގައި އެދިގެން ސްޓެލްކޯއިން ދަނގެތީގެ ފެނުގެ ނެޓްވޯކް އަލުން އެޅުމަށް ނިންމީ ކަމަށެވެ.

އެގޮތުން މިނެޓްވޯކް ގާއިމް ކުރާއިރު، 365 ޓަނުގެ ދެ ޓޭންކާއި 395 ކޮންޒިއުމަރުންނަށް ހިދުމަތް ދިނުމަށްޓަކައި މީޓަރުތައް ބަދަލު ކުރުމާއި 7000 މީޓަރުގެ ނެޓްވޯކް ލައިނެއް އަޅާނެއެވެ.

ދަނގެތީގެ ފެނުގެ ވިއުގަ ބަދަލު ކުރުމަށް ދީފައި އޮތީ ހަ މަސް ދުވަހުގެ މުއްދަތެއް ކަމަށާއި އެހެން ނަމަވެސް ތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފަށާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.