ކޯލިޝަންގައި ތިބެ އަދި ސަރުކާރުގެ ކަންކަން ރަނގަޅަށް އެނގި ތިބެ ސަރުކާރަށް ފާޑުކިޔާނީ އެއްވެސް އަހުލާގެއް ނެތީމަ ކަމަށާއި ސަރުކާރާ ދެމެދު މައްސަލަ އުޅެންޏާ އަމިއްލައަށް ވަކިވުން ރަނގަޅުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި ސަރުކާރު ވެރިކަމަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީ އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ކޯލިޝަނާއެކުގައެވެ. ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ ތެރޭގައި ޖޭޕީ އާއި އެމްއާރުއެމުން ސަރުކާރަށް ފާޑުކިޔަމުންދާ އިރު، އަދާލަތު ޕާޓީއަކީ ކުރިއަށްއޮތް އިންތިހާބަށް ރައީސް ސޯލިހާއެކު ކޯލިޝަން ހަދާފައިވާ ޕާޓީއެކެވެ. ކުރިއަށްއޮތް އިންތިހާބަށް ރައީސް ސޯލިހާއެކު ކޯލިޝަން ހަދާފައިވަނީ އަދާލަތުގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި މިއަދު ހެނދުނު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ނުކުމެވަޑައިގެން ހުންނެވީ ފާޑުކިޔާނެކަން ވެސް ގަބޫލުފުޅުކުރައްވައިގެން ކަމަށާއި އެމަނިކުފާނާ އަދި ސިޔާސަތުތަކާ ދޭތެރޭ ހިތްހަމަނުޖެހޭ ބަޔަކުވެސް ތިބޭނެ ކަމަށެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެންވެސް ވިސްނުންފުޅު ބެހެއްޓެވީ އެގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެކަމަކު ސަރުކާރުގެ ތެރޭގައި ތިއްބަވައިގެން، ކަންތައްތައް ކުރައްވާ ގޮތް އެނގިވަޑައިގެން ނުކުމެވަޑައިގެން އެއާ އިދިކޮޅަށް ވާހަކަދެއްކީމާ އެއީ އަޅުގަނޑު ދަންނަވާނީ އެއްވެސް ޑިސިޕްލިނެއް ނެތް ބޭފުޅުންނޭ. އޭގެ އެންމެ ރަނގަޅުވާނީ އެބޭފުޅުންނަށް މި ސަރުކާރުގެ ތެރޭގައި މައްސަލަތަކެއް ހުރި ކަމަށްވަންޏާ، ބޭރަށް ވަޑައިގަތުން. އަދި ހާއްސަކޮށް ރިޔާސީ އިންތިހާބެއްގެ ކެމްޕޭނެއްގެ ތެރޭގައި މަސައްކަތްކުރައްވަމުންދާ އިރުގައި، ސަރުކާރުގެ ތެރޭގައި ތިއްބަވައިގެން އެކަހަލަ ކަންތައްތައް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެއީ އަހުލާގީގޮތުން އަޅުގަނޑު ދަންނަވާނީ ވަރަށް ދަށު ދަރަޖައިގެ ކަމެކޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޯލިޝަނެއް ދެމެހެއްޓުމަކީ އެހާ ފަސޭހަކަމެއް، އަދި އެހާ އުނދަގޫ ކަމެއްވެސް ނޫން ކަމަށާއި އިންތިހާބުގައި ރައްޔިތުން ވޯޓު ދިނީ ކޯލިޝަނަކަށް ކަމަވުމުން، ސަރުކާރެއް ހިންގުމުގައި ރައްޔިތުންގެ އެ ނިންމުން އެގޮތުގައި ދެމެހެއްޓުމުގެ މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. އަދި މި ސަރުކާރު ނޫނިއްޔާ ކޯލިޝަނެއް ދެމެހެއްޓުނު ސަރުކާރެއް ނެތް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ފުރަތަމަ ސަރުކާރު ރޫޅިގެންދިޔައީ 21 ދުވަހުގެ ތެރޭގައި. ދެވަނަ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ އެކީގައި، ގާތްގަނޑަކަށް ހަތަރު ފަސް މަސް ތެރޭގައި ރޫޅިގެން އެ ދިޔައީ. އަޅުގަނޑު ދެކޭގޮތުގައި އޭގެ ގެއްލުންވީ ރައްޔިތުންނަށް. ރައްޔިތުން ވަކިގޮތަކަށް އެ ނިންމަނީ އޭގައި ސަބަބުތަކެއް އޮވެގެން. އެހެންވީމާ އަޅުގަނޑުގެ އެއް އަމާޒަކަށްވީ ކިރިޔާވެސް އެކަން ކުރެވެން އޮތް ކަމަށްވަންޏާ އެކަން ކުރުމަށް. ދަތި އުނދަގޫ ހާލަތު އާދޭ. އަޅުގަނޑުމެންގެ މިއޮތް ކޯލިޝަންގައި ސިޔާސީ ފިކުރު ތަފާތުވާ މީހުން އެބަ ތިއްބެވި، އަދި ސިޔާސަތުތަކުގައި ވެސް، ރާއްޖެ ކުރިއަށްގެންދިއުމުގައި ވެސް. ރާއްޖެ ތަރައްގީކުރުމުގައި ވެސް ވިސްނުން ތަފާތުވާ ބޭފުޅުން އެބަތިއްބެވި. އެކަމަކު މަޝްވަރާކުރީމާ ހައްލުކުރެވޭ، އެއްބަސްވެވޭ ކަންތައްތަކަކަށް އާދެވޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު މަސައްކަތްކުރައްވަނީ ރައްޔިތުން ނިންމި ގޮތަށް އެގޮތުގައި ކޯލިޝަން ދެމެހެއްޓެވުމަށް ކަމަށާއި ކަނޑައެޅިގެން ސީދާ ސަރުކާރުގެ މަސައްކަތަކަށް އުނދަގޫވާ ގޮތަށް މަސައްކަތް ނުކުރާ ކަމަށްވަންޏާ، އެއްވެސް ބޭފުޅަކު އެކަހެރި ނުކުރައްވާނެ ކަމަށެވެ. އަދި މި ދައުރު ނިމެންދެން ކޯލިޝަން ދަމަހައްޓަވާނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.