މަޑަގަސްކަރާގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023ގެ އެތުލެޓިކްސް ހަތަރެއް ގުނަ 100 މީޓަރު ރިލޭ ދުވުމުން ރާއްޖޭގެ އަންހެން ޓީމް ލޯ މެޑަލް ހޯދައިފިއެވެ.
އިއްޔެ ރާއްޖޭގެ އަންހެން ރިލޭ ޓީމުން ހޯދި މެޑަލްއަކީ ބައިނަލްއަގުވާމީ މައިދާނުގައި އެތުލެޓިކްސްގެ އަންހެން ރިލޭ އިވެންޓަކުން ހޯދި ފުރަތަމަ މެޑަލްއެވެ. އިއްޔެ ލޯ މެޑަލް ހޯދި ރިލޭ ޓީމުގައި ހިމެނެނީ އައިޝަތު ހިމްނާ ހަސަން، މަރިޔަމް ރޫޔާ އަލީ، އަހްނާ ނިޒާރު އަދި މަރިޔަމް އަލްހާ ހުސައިނެވެ.
ހަތަރެއް ގުނަ 100 މީޓަރު ރިލޭ ރާއްޖޭގެ ޓީމުން ނިންމީ 47.03 ސިކުންތުން ދުވެގެންނެވެ. ރިލޭ އިވެންޓްގެ ރަން މެޑަލް އިއްޔެ ހޯދީ 44.82 ސިކުންތުން ދުވެގެން މަޑަގަސްކަރައެވެ. ދެވަނަ ހޯދީ 46.56 ސިކުންތުން ދުވެގެން މޮރިޝަސްއެވެ. ރާއްޖޭން ތިން ވަނަ ހޯދީ ރިޔޫނިއަންއާއި ސީޝެލްސް ފަހަތަށް ޖައްސާލުމަށްފަހުއެވެ.
މިދިޔަ އަހަރެއްހާ ދުވަހު ރިލޭ ޓީމުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި/އޮގަސްޓް މަހު އިނގިރޭސިވިލާތުގެ ބާމިންހަމްގައި އޮތް ކޮމަންވެލްތު ގޭމްސްގައި ވާދަކޮށް ރިލޭ ޓީމުން ގައުމީ ރެކޯޑު އާކުރިއެވެ. އޭގެ ހަދުވަސް ފަހުން އަނެއްކާވެސް އެރެކޯޑު އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައިވެސް ރިލޭ ޓީމުން ވަނީ އާކޮށްފައެވެ. އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ގައުމީ ރިލޭ ޓީމުން ރޭސް ނިންމައި ގައުމީ ރެކޯޑު އާކުރީ 48.21 ސިކުންތުންނެވެ.
އިއްޔެ ކުރިއަށްދިޔަ އެތުލެޓިކްސްގެ އެހެން އިވެންޓުތަކަށް ބަލާއިރު 200 މީޓަރު ދުވުމުގެ އަންހެން އަދި ފިރިހެން ފައިނަލުގައި ރާއްޖޭގެ ދުވުންތެރިން ވާދަކުރިއެވެ. އެގޮތުން ފިރިހެން ފައިނަލުގައި ވާދަކޮށް ރާއްޖޭގެ ހަސަން ސާއިދު ރޭސް ނިންމީ 21.58 ސިކުންތުންނެވެ. އޭނާ އަށް ލިބުނީ ރޭހުން ފަސް ވަނައެވެ. މި ރޭހުގައި ވާދަކުރި ރާއްޖޭގެ އުއްމީދީ ދުވުންތެރިޔާ މުހައްމަދު މިންހާލް ޝާމިން ދިޔައީ އަށްވަނަ އަށެވެ. އޭނާ ރޭސް ނިންމީ 22.55 ސިކުންތުންނެވެ.
އޭގެ އިތުރުން، 200 މީޓަރު ދުވުމުގެ އަންހެން ފައިނަލުގައި ރާއްޖޭގެ އާމިނަތު ލަޔާނާ މުހައްމަދު ވެސް ވާދަކުރިއެވެ. ލަޔާނާ ރޭސް ނިންމީ 26.30 ސިކުންތުންނެވެ.