އަލްޖީރިއާގެ ކަނޑުގެ ސަރަހައްދުގައި ހުއްދަ ނުހޯދައި ޖެޓްސްކީ ދުއްވި ދެ ފަތުރުވެރިޔަކު ބަޑިޖަހާ މަރާލައިފިއެވެ.

އަލްޖީރިއާގެ ކޯސްޓްގާޑުން މަރާލާފައިވަނީ މޮރޮކޯގެ ސައިދިއާގެ ރިސޯޓަކުން ދަތުރުފެށި ދެ ފަތުރުވެރިން ކަމަށް އޮފިޝަލުން ބުނެއެވެ.

ޖެޓްސްކީ ގައި ދަތުރުކުރި ދެމީހުން މަރާލާފައިވާއިރު އެމީހުންނާ ގުޅުން ހުރި މީހަކު ދެގައުމު ގުޅޭ ބޯޑަރު ސަރަހައްދުން ވަނީ ހައްޔަރުކޮށްފައެވެ. ހަތަރު މީހުން ހިމެނޭ އެގުރޫޕުގެ އެކަކު ވަނީ އަނބުރާ މޮރޮކޯއަށް އެތެރެވެފައެވެ.

އަލްޖީރިއާ އާއި މޮރޮކޯއަކީ ޒަމާންވީ ދެކޮޅުވެރި ދެގައުމެވެ. އެ ދެގައުމު ގުޅޭ ބޯޑަރު ބަންދުކޮށްފައި ވަނީ 1994ގައެވެ.

އަލްޖީރިއާއިން ހިންގި މިއަމަލުގެ ސަބަބުން މޮރޮކޯގެ އާންމުން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލަން ފަށާފައެވެ. މިމައްސަލައާ ގުޅިގެން މޮރޮކޯގެ ސަރުކާރުން ވަނީ ކޮމެންޓެއް ކުރުމަށް ދެކޮޅު ހަދާފައެވެ.