އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

އައިއޯއައިޖީ: ފިރިހެން ޓީޓީން ފުރަތަމަ ރިހި މެޑަލްއާއެކު ޝައްފާން ތާރީހުގެ ތެރެއަށް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ގެ ޓޭބަލް ޓެނިސް ފިރިހެން ސިންގަލްސް އިވެންޓްގެ ފައިނަލަށް ގޮސް ރާއްޖޭގެ މުހައްމަދު ޝައްފާން އިސްމާއީލް ތާރީހީ ރިހި މެޑަލްއެއް ހޯދައިފިއެވެ.

މިއީ ރާއްޖޭގެ ޓީޓީ ތާރީހުގައިވެސް ފިރިހެން އެތުލީޓަކު އިންޑިވިޖުއަލް އިވެންޓަކުން ހޯދި ބައިނަލްއަގުވާމީ ފުރަތަމަ މެޑަލްއެވެ. މި ފަހަރުގެ ކުރިން 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އައިއޯއައިޖީގައިވެސް އެންމެ ގިނަ ކާމިޔާބީތަކެއް ހޯދީ ޓީޓީންނެވެ. އެ ކާމިޔާބީއަށްވުރެވެސް ބޮޑު ކާމިޔާބީއެއް މިފަހަރު ޓީޓީން ވަނީ ހޯދައިފައެވެ.

ޓީޓީގެ ޓީމް އިވެންޓުން އަންހެން ޓީމުން ރަން މެޑަލް ހޯދި އިރު، މިކްސް ޑަބަލްސް އިވެންޓުންވެސް ރާއްޖެއިން ވަނީ ރަން މެޑަލް ހޯދައިފައެވެ. މިކްސް ޑަބަލްސްއިން ރާއްޖެއަށް ރަން މެޑަލް ހޯދައިދިނީ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފެވެ. މިކްސް ޑަބަލްސް އިން ރާއްޖޭގެ ފާތިމަތު ދީމާ އަލީއާއި ޝައްފާންވެސް ވަނީ ލޯ މެޑަލް ހޯދައިފައެވެ. އޭގެ އިތުރުން މިފަހަރު ޓީޓީ ފިރިހެން ޓީމުންވެސް ރިހި މެޑަލް ހޯދި އިރު، ރަފާއާއި ދީމާ ވަނީ އަންހެން ޑަބަލްސް އިވެންޓުންވެސް ރަން މެޑަލް ހޯދާފައެވެ. އަދި އިއްޔެ ކުޅުނު އަންހެން ސިންގަލްސް އިވެންޓްގައި ރާއްޖޭގެ ރަފާއާއި ދީމާ ވާދަކޮށް، ދީމާ ވަނީ ރަން މެޑަލް ދިފާއުކޮށްފައެވެ. ރަފާ މިފަހަރުވެސް ނިންމާލި ރިހި މެޑަލްއިންނެވެ.

ފިރިހެން ޓީޓީ ފައިނަލުގައި އިއްޔެ ޝައްފާން ނުކުތީ މަޑަގަސްކަރައިގެ އެއްވަނަ ކުޅުންތެރިޔާ ނަޓީވެލް ޖޮނަތަންއާ ދެކޮޅަށެވެ. މެޗުގެ ފުރަތަމަ ތިން ސެޓި ޖޮނަތަން ގެންދިޔައީ 11-6، 11-8 އަދި 11-5 އިންނެވެ. އެ ތިން ސެޓު ޖޮނަތަން ގެންދިޔަ ނަމަވެސް، ދެން ޖެހިގެން އައި ދެ ސެޓުގައި ޝައްފާން ތަފާތު ދައްކައި އެ ދެސެޓު ގެންދިޔައެވެ.

ޝައްފާން ސެޓުތައް ގެންދިޔައީ 11-13 އަދި 9-11 އިންނެވެ. ޝައްފާންގެ ހިތްވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މެޗުގެ ހަވަނަ ސެޓު ޖޮނަތަން ގެންގޮސް ރަން މެޑަލް އޭނާ ޔަގީންކުރިއެވެ. އެ ސެޓު ޖޮނަތަން ގެންދިޔައީ 11-6 އިންނެވެ.