މާލޭގެ ހޮޓަލެއްގައި ރޫހާނީ ފަރުވާ ކްލާސްތަކެއްގެ ނަމުގައި ހިންދޫ ދީން ފަތުރަން އައި ކަމަށް ތުހުމަތު ކުރެވޭ ހިންދޫ ފާދިރީ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްލައިފިއެވެ.
ޑރ. ގަނޭޝް ޑުބޭ ނަމަކަށް ކިޔާ އެ މީހާ ވަނީ، ރާއްޖޭގައި ރޫހާނީ ފަރުވާ ކްލާސްތަކެއް ހިންގުމަށް ރާއްޖެ އައިސްފައި ހުރި ކަމަށް ބުނެ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް އިޝްތިހާރުކޮށްފައެވެ. އެ ކުލާސްތަކުގައި ބައިވެރިވާން 100 އެމެރިކާ ޑޮލަރު ނެގިއެވެ.
އެކަމާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ފުލުހުން ވަނީ، ދިމާވާ ގޮންޖެހުންތަކަށް ރޫހާނީ ހައްލު ހޯދައިދޭން ދަސްކޮށްދޭ ކުލާސްތަކެއް ހިންގަން އައި ކަމަށް ބުނާ އެ ފާދިރީއާއި އެކަމުގައި ބައިވެރިވާ އިތުރު މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އަދި އެ މައްސަލައަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާބެހޭ ގާނޫނާއި އިމިގްރޭޝަން ގާނޫނާއި ހިލާފު ކަމަކަށްވާތީ އެ މީހުންނަށް ފިޔަވަޅު އެޅުމަށް ރޭ އިމިގްރޭޝަނާ ހަވާލުކުރިއެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލު މިއަދު "ވަން" އަށް ވިދާޅުވީ، ފާދިރީއާއި އޭނާ އާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާވެސް އިތުރަށް ރާއްޖެއަށް ނާދެވޭ ގޮތަށް މިއަދު ޑީޕޯޓް ކޮށްލާފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ފާދިރީ އާއެކު ދެން ޑީޕޯޓުކޮށްލި މީހާއަކީ ފާދިރީގެ ކުލާސްތައް ރާވައި ހިންގުމުގައި ހަރަކާތްތެރިވި، ވޯކް ވިސާގައި ރާއްޖޭގައި އުޅޭ އިންޑިއާ މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު