ފިތުނަވެރި ވާހަކަތައް ގަބޫލުނުކުރުމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުމަށް ވީ އެންމެ ބޮޑަކަށް މަސައްކަތް ކޮށްދެއްވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފިއެވެ.
އެ މަނިކުފާނުގެ ވަކީލުން މެދުވެރިކުރައްވާ ޔާމީން އެގޮތަށް އެދިވަޑައިގަތީ، ވ. އާރަށް ކުއްޔަށް ދިނުމުގެ ތެރެއިން ރިޝްވަތު ނެންގެވި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ނިންމާލުމަށްފަހު މިދިޔަ ބުދަ ދުވަހު ކޯޓު ރޫމުގެ ތެރޭގައި މުއިއްޒަށް އަމާޒުކޮށް ޔާމީން ނުރުހުމުގެ ބަސްފުޅުތަކެއް އަމާޒުކުރައްވާފައިވާ ކަމަށާއި އެ މަނިކުފާނުގެ ތާއީދެއް މުއިއްޒަށް ނެތް ކަމަށް ދޭހަވާ ގޮތަށް މެސެޖެއް ދެއްވާފައިވާ ކަމަށް ބުނެ ނޫހަކުން ޖެހި ހަބަރަކާ ގުޅިގެންނެވެ.
އެ ހަބަރު ދޮގުކޮށް ޔާމީންގެ ވަކީލުންގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ނޫހުގައި ލިޔެފައިވާ ފަދަ އެއްވެސް ވާހަކައެއް އަދި ރައީސް ޔާމީންގެ ނޯޓެއް ކަމަށް ބަޔާންކޮށް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ނޯޓުގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް ވާހަކައެއް، ހައިކޯޓުގެ ތެރޭގައި ޔާމީން ވިދާޅުވެފައި ނުވާ ކަމަށެވެ.
އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީން ތާއީދުކުރައްވާ ކެންޑިޑޭޓަކީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު އަދި ރަނިން މޭޓް ހުސެއިން މުހައްމަދު ލަތީފު ކަމަށާއި އިދިކޮޅު ކޯލިޝަންގެ އެންމެހައި މެންބަރުންނާއި ޔާމީނަށް ތާއީދުކުރައްވާ އެންމެހައި ސަޕޯޓަރުންވެސް ވޯޓު ލުމަށް އެ މަނިކުފާނު އެދިވަޑައިގަންނަވަނީ މުއިއްޒު އަދި ހުސެއިން މުހައްމަދު ލަތީފަށް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮއްވަވަން ޔާމީން ނުހަނު ބޮޑަށް ބޭނުންފުޅުވާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ.
އަދި ޔާމީނަށް ނަފުރަތުކުރާ އެ މަނިކުފާނަށް ނުހައްގު އަނިޔާދެމުން ގެންދާ ފަރާތްތަކުން ރާވައިގެން ފަތުރާ އެފަދަ ބުހުތާނު ދޮގު ވާހަކަތަކަކީ، އިދިކޮޅު ކޯލިޝަންގެ މެންބަރުންނާއި ސަޕޯޓަރުންގެ މެދުގައި ފިތުނަ އުފައްދައި، ބައިބައިކޮށް، ރިޔާސީ އިންތިހާބު އެ ކޯލިޝަނަށް ކާމިޔާބުވިޔަ ނުދިނުމަށްޓަކާ ކުރާ ފިނޑި އަމަލުތަކެއް ކަމަށް ޔާމީން ވިދާޅުވެފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
"އެފަދަ ވާހަކަތައް ގަބޫލުނުކުރުމަށާއި ހުރިހާ ފަރާތްތަކެއްވެސް އިތުރު ހިތްވަރެއްލައި، މި ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި ރަނިން މޭޓް ހުސެއިން މުހައްމަދު ލަތީފަށް ކާމިޔާބު ކޮށްދިނުމަށް ވީ އެންމެ ބޮޑަކަށް މަސައްކަތް ކޮށްދެއްވުމަށް ޕީޕީއެމް/ ޕީއެންސީގެ މެންބަރުންނާއި ރައީސް ޔާމީންގެ ސަޕޯޓަރުންގެ ކިބައިން އެ މަނިކުފާނު އެދިވަޑައިގަންނަވައެވެ،" ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މުއިއްޒަށް އަމާޒުކޮށް ޔާމީން ނުރުހުމުގެ ބަސްފުޅުތަކެއް އަމާޒުކުރައްވާފައިވާ ކަމަށް ބުނެ ނޫހަކުން ޖެހި ވާހަކަތައް ޔާމީންގެ ވަކީލުން ދޮގުކުރެއްވި އިރު، މި އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއެކު އެކަމަށް މުއިއްޒު ކުރިމަތިލެއްވުމުންވެސް ޕީޕީއެމް/ ޕީއެންސީ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދުނެވެ.
ޚަބަރު
ޚަބަރު
ޚަބަރު