މާލެއާއި އަތޮޅުތަކުގެ ތެރޭގައި 4،000 ސޯޝަލް ހައުސިން ޔުނިޓް ހެދުމުގެ މަސައްކަތް އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ސްޓްރަކްޗާސް އަންލިމިޓެޑާ ހަވާލުކޮށްފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާއި ސްޓްރަކްޗާސް އަންލިމިޓެޑާ ދެމެދު މިއަދު ވަނީ މަސައްކަތުގެ އިންޖިނިއަރިން، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އަންވަރެވެ. ސްޓްރަކްޗާސް އަންލިމިޓަޑްގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން ކަރީމް ޖަމާލް އައްބާސް އަބްދުއްސަލާމެވެ.

އެފްޑީސީން ބުނީ، 249 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) އަށް ތިން އަހަރު ތެރޭގައި ނިންމާ ގޮތަށް ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފަސް ސަރަހަދެއްގައި ސޯޝަލް ހައުސިން ޔުނިޓް ހަދާނެ ކަމަށެވެ.

އެއީ އައްޑޫ ސިޓީގައި 750 ހައުސިން ޔުނިޓް، ގދ. ތިނަދޫގައި 500 ހައުސިން ޔުނިޓް، ލ. ގަމުގައި 1،000 ހައުސިން ޔުނިޓް، ކުޅުދުއްފުށި ސިޓީގައި 1،000 ހައުސިން ޔުނިޓް އަދި މާލޭ ސަރަހައްދުގައި 750 ހައުސިން ޔުނިޓެވެ.