އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

އައިއޯއައިޖީ: ސާއިދާއި މިންހާލް އަދި ލަޔާނާވެސް 200 މީޓަރު ފައިނަލަށް

މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023ގެ އެތުލެޓިކްސް 200 މީޓަރު ފައިނަލަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި މިފަހަރުގެ ގޭމްސްގައި 100 މީޓަރު ރެކޯޑު މުގުރާލި މުހައްމަދު މިންހާލް ޝާމިން އަދި އައިމިނަތު ލަޔާނާ ދަތުރު ކޮށްފިއެވެ.

މިފަހަރުގެ އައިއޯއައިޖީގެ އެތުލެޓިކްސް އިވެންޓްތައް މަޑަގަސްކަރައިގައި އަލަރޯބިއާ ސްޓޭޑިއަމްގައި ކުރިއަށްދާ އިރު، މިއަދު ހަވީރު ވަނީ ގިނަ އިވެންޓްތަކެއް ކުރިއަށް ގޮސްފައެވެ. 200 މީޓަރުގެ ކޮލިފިކޭޝަން ހީޓްތަކުން ދިވެހި އެތުލީޓުން މިއަދު ފަށާފައިވާ އިރު، ފުރަތަމަ ފިރިހެން އެއްވަނަ ހީޓްގައި މިންހާލް ވާދަކޮށް ރޭސް ނިންމާލީ ހަތަރު ވަނައިގައެވެ. އޭނާގެ ޓައިމިންއަކީ 22.41 ސިކުންތުންނެވެ. ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު ދެވަނަ ހީޓްގައި ވާދަކޮށް އޭނާ ވަނީ ފަސޭހަކޮށް ކޮލިފައިވެއެވެ. ހީޓްގެ ދެވަނަ މަގާމު ސާއިދު ހޯދީ 21.64 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ސާއިދުގެ ހީޓްގެ އެއްވަނަ ހޯދި މޮރިޝަސްގެ ވެންކަޓަސާމީ ޖޯޝަން ރޯއީ ރޭސް ނިންމީ 21.57 އިންނެވެ. ސާއިދަށްވުރެ އޭނާ ކުރީގައި އޮތީ މިލި ސިކުންތުކޮޅެކެވެ.

އަންހެން 200 މީޓަރު ހީޓް އެކެއްގައި ވާދަކޮށް ލަޔާނާ ފައިނަލަށް ކޮލިފައިވީ 25.93 ގެ ނަތީޖާއަކުން ރޭސް ނިންމައިގެންނެވެ. ލަޔާނާ ހީޓް ނިންމާލީ ހަތަރުވަނައިގައެވެ. ރާއްޖޭގެ އައިޝަތު ޝަބާ ސަލީމް ދެވަނަ ހީޓްގައި ވާދަކޮށް ނިންމާލީ ހަވަނައިގައެވެ. އޭނާގެ ޓައިމިންއަކީ 27.56 އެކެވެ.

ދުވިސައްތަ މީޓަރު ކޮލިފިކޭޝަންގެ އިތުރުން ރާއްޖޭގެ އެތުލީޓުން މިއަދު ހަވީރު ވާދަކުރީ 400 މީޓަރު ފައިނަލްގައެވެ. އެ ފައިނަލަށް ދިވެހި ތިން ދުވުންތެރިން ނުކުތް ނަމަވެސް، ނިންމާލަން ޖެހުނީ މެޑަލްއެއް ނުލިބިއެވެ. ފައިނަލުގައި ރާއްޖޭގެ އައިޝަތު ހިމްނާ ހަސަން 58.13 ސިކުންތުން ފަސްވަނައިގައި ނިންމާލި އިރު، އޭގެ ފަހަތުން ޒިވާ މޫސާ ޝަފީއު ނިންމީ ހަވަނައިގައެވެ. އޭނާގެ ޓައިމިންއަކީ 58.21 އެވެ. ލަޔާނާ ހަތްވަނައިގައި ނިންމާލި އިރު، އޭނާގެ ޓައިމިންއަކީ 58.46 ސިކުންތުންނެވެ.

އައިއޯއައިޖީގައި ދިވެހި އެތުލީޓުން ވާދަކުރާ ފައިނަލް އިވެންޓްތައް މާދަމާ ކުރިއަށްދާނެއެވެ.