ށ. މިލަންދޫ ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވަާ ކޮންކްރީޓް ގަލުގެ ދެވަނަ ސިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.

މި މަޝްރޫގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ، މި މަޝްރޫގެ ދަށުން 17,900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 72,938 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބާ ބޭސިން ފުންކުރުމާއި 8400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެއިތުރުން މިލަންދޫ ބަނދަރުގެ 583 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 316 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 93 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެރަށު ބަނދަރުގެ 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި ދެ ބުރިޖެއް ހެދުމާއި 130 މީޓަރު ދިގު ދެ މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި އެކްސަސް ޕްލެޓްފޯމެއް ހެދުމަށް ވަނީ ނިންމައިފައެވެ. އަދި 3,863 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއުގެ އަގަކީ 76.44 މިލިއަން ރުފިޔާއެވެ.