ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ނަންގަވާފައި ނުވާ ކަމަށާއި އެ މައްސަލައިގައި ހިމެނޭ އެއް މިލިޔަން ޑޮލަރުގެ މުއާމަލާތަކީ، ރިޔާސީ ކެމްޕެއިނަށް ފައިސާ ހޯދަން ހިންގެވި ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވާ އިރު، ކެމްޕެއިނަށް ހޯދި ފައިސާއެއް ނަމަވެސް އެ ފައިސާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓުގައި ނުބެހެއްޓޭނެ ކަމަށް ދައުލަތުން ބުނެފިއެވެ.
އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ލޯންޑާކުރެއްވިކަން ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އަދި އެ މައްސަލައިގައި ރިޝްވަތު ދެއްވިކަމުގެ ކުށް ސާބިތުވެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ.
އެ ދެ ބޭފުޅުންގެ ފަރާތުން އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން ތިންވަނަ ނުކުތާއެއްގެ ގޮތުގައި ރައީސް ޔާމީން ވިދާޅުވީ، ޔޫސުފް ނައީމްގެ ފަރާތުން ލިބިވަޑައިގަތް ފައިސާއަކީ ރިޝްވަތު ކަމަށް ދައުލަތުން ބުނާ އިރު، އެއީ ރިޔާސީ ކެމްޕެއިނަށް ފައިސާ ހޯދަން ހިންގެވި ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށެވެ. ޔޫސުފް ނައީމު އަތުން ޑޮލަރު ގަންނަން ޖެހުނީ އެހެން މީހުންގެ އަތުން ޑޮލަރު ނުލިބުމުން ކަމަށާއި ޔޫސުފް ނައީމު ހަމައެކަނި ކޮށްދެއްވި ކަމަކީ ހަމައަގުގައި ޑޮލަރު މާރުކޮށްދެއްވުން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ހައިކޯޓުގައި މިއަދު ކުރިއަށްދިޔަ މި މައްސަލައިގެ އަޑުއެހުމުގައި އޮތީ، ރައީސް ޔާމީންގެ ދިފާއުގައި ހުށަހެޅި، އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ރައްދު ދިނުމެވެ.
އެ ނުކުތާއަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ސިޔާސީ ޕާޓީތަކާބެހޭ ގާނޫނާއި އިންތިހާބާ ބެހޭ އާއްމު ގާނޫނާ ހަވާލާދެއްވައި، އެއީ ޕޮލިޓިކަލް ކެމްޕެއިނަށް އެމަނިކުފާނުގެ އަމިއްލަ ބޭނުމަށް ހޭދަކުރަން ބެހެއްޓި ފައިސާ ކަމަށް ރައީސް ޔާމީން ކޯޓުގައި ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ސިޔާސީ ޕާޓީގެ ފައިސާ ކަމަށް އެމަނިކުފާނު ވިދާޅުނުވާ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ނަމަވެސް "ރައީސް ޔާމީނަކީ ސިޔާސީ ޕާޓީއަކުން ވާދަކޮށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެން ހުންނެވި ބޭފުޅެއް، އަދި އޭރު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ އެންމެ އިސް ފަރާތް، ކޯޓުގައި ތިމަންނަ ކެމްޕެއިނަށް ލިބޭ ފައިސާއަކީ ސިޔާސީ ޕާޓީގެ ފައިސާ ނޫން ކަަމަށް ވިދާޅުވިޔަސް، އެ ވިދާޅުވުމަކީ ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނާއި އިންތިހާބާ ބެހޭ އާއްމު ގާނޫނުގެ ދަށުން، ސިޔާސީ ކަންކަމަށް ލިބޭ ފައިސާ ހަރަދު ކުރުމާއި ބެލެއްޓުމާ ބެހޭ ވަކި ނިޒާމެއް ކަނޑަަޅާފައި އޮތުމުން އެކަމަށް ފުށުއަރާކަމެއް، އަމިއްލަ ގޮތުންވެސް ސިޔާސީ ކަންކަމަށް ކުރިމަތިލެވޭ، ވާދަކުރެވޭ އެހެންކަމުން އަމިއްލަ ފަރުދަކަށް އެހެން ދެންނެވޭނެ ހާލަތެއް އަތުވެދާނެ، އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާއަށް ވެފައި، އަދި ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް ހުންނެވި ބޭފުޅަކަށްވުމުން އެހެން ވިދާޅުވެވިދާނެ ކަމަކަށް ނުދެކެން،،" ކަމަށް ވަކީލު ވިދާޅުވިއެވެ.
އެހެންކަމުން އެ ފައިސާ ޔާމީންގެ އަމިއްލަ އެކައުންޓުގައި ނުބެހެއްޓޭނެ ކަމަށް ވަކީލު ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ފައިސާ އެއްވެސް ކޮޅަކުން ރައީސް ޔާމީނަށް ލިބުން ހުއްދަވޭތޯ ބަލާ އިރު، ގާނޫނީ އެފަދަ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ، އާމްދަނީއެއް ލިބޭ ފަދަ އެހެން އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެ ކަމަށާއި، ދައުލަތާ އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ހުންނަ ބޭފުޅެއްގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގެ 119ގައި ބުނާ ކަމަށް ވަކީލު ވިދާޅުވިއެވެ.
އާރަށާ ގުޅޭ މުއާމަލާތަކީ ދައުލަތާއި އާއްމު ފަރުދަކާ ދެމެދު ކުރެވުނު މުއާމަލާތެއް ކަމަށްވެސް ވިދާޅުވިއެވެ.
"ރިސޯޓެއް ތަރައްގީކުރަން ރަށެއް ބޭނުންވާ ކޮންމެ މީހަކު ރައީސުލްޖުމްހޫރިއްޔާއަށް ފީއެއް ދައްކަންޖެހޭ ގާނޫނީ އެއްވެސް ހަމައެއް އޮތްތޯ ބަލާއިރު އެފަަދަ ފީއެއް ރައީސަށް ދައްކަން ޖެހޭ އެއްވެސް ހަމައެއް ނެތް، އެހެންވީމާ އެ ފައިސާއަކީ ގާނޫނު ހުއްދަނުކުރާ މަންފާއެއް، އެއީ ރިޝްވަތު،" ވަކީލު ވިދާޅުވިއެވެ.