މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ގެ ބެޑްމިންޓަން ސިންގަލްސް އިވެންޓުގެ ގަދަ 32 ގެ މެޗުތަކުން މޮޅުވެ، ރާއްޖޭގެ ތޯއިފް މުހައްމަދާއި، މުހައްމަދު އަޖުފާން ރަޝީދު، އައިޝަތު އަފްނާން ރަޝީދު އަދި އައިމިނަތު ޝަހުރުނާޒް ވެސް ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

ބެޑްމިންޓަން ސިންގަލްސް އަދި މިކްސް ޑަބަލްސް އިވެންޓުތައް މިއަދު ފަށާފައިވާ އިރު، މިހާތަނަށް ނިމިފައިވަނީ ޓީމް އިވެންޓެވެ. ޓީމް އިވެންޓުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުންވެސް ވަނީ ރިހި މެޑަލް ހޯދައިފައެވެ. މިއަދު ފުރަތަމަ ސިންގަލްސް އިވެންޓުތަކުގެ ގަދަ 32 ގެ ބުރު ކުޅެފައިވާ އިރު، މި ބުރުގައި ރާއްޖޭގެ އެންމެ ރޭންކިން މަތި ކުޅުންތެރިން ވާދަނުކުރެއެވެ. އެ ކުޅުންތެރިން ވާދަކުރާނީ ގަދަ 16 ގެ ބުރުން ފެށިގެންނެވެ.

ފުރަތަމަ މެޗުގައި އަޖުފާން ވަނީ ފަސޭހަކަމާއެކު ސީދާ ދެ ސެޓުން މަޔޮޓްގެ ކޮރެންތީން ލެޕޮއިވޭ ބަލިކޮށްފައެވެ. އަޖުފާން ސެޓުތައް ގެންދިޔައީ 21-2، 21-2 އިންނެވެ. އޭގެފަހުން ދެން ފެނުނީ ގަދަ 32 ގައި ފެނިގެންދިޔަ އެންމެ ފޯރިގަދަ މެޗެވެ.

ތޯއިފާއި ސީޝެލްސްގެ ޖީ ލުއޯ ވާދަކުރި މެޗު ތޯއިފް 2-1 އިން ކާމިޔާބުކޮށްފައިވާ އިރު، އެ މެޗުގެ ފުރަތަމަ ސެޓު ތޯއިފް ގެންދިޔައީ 21-19 އިންނެވެ. މެޗުގެ ދެވަނަ ސެޓު ތޯއިފަށް 19-21 އިން ގެއްލުމާއެކު ތިންވަނަ ސެޓަކަށް ގޮސްފައިވާ އިރު، އެ ސެޓު ފެނުނީ ވަރަށް ފޯރިގަދަކޮށެވެ.

ރާއްޖޭގެ ކޮންޓިޖެންޓްގައި ހިމެނޭ އެހެން ގިނަ އެތުލީޓުންތަކެއް މިއަދުގެ މެޗު ބެލުމަށް އައިސްފައިވާ އިރު، އެ ހުރިހާ އެތުލީޓުންނާއި އޮފިޝަލުންވެސް ވަނީ ތޯއިފަށް ވަރަށް ބޮޑަށް ހިތްވަރު ދީފައެވެ. ތިންވަނަ ސެޓު ވަރަށް ބޮޑަށް ދިގުލައިގެން ދިޔުމާއެކު ފޯރީގައި ފެނިގެން ގޮސް، ނިމުނީ 30-29 އިންނެވެ.

ފަހު ޕޮއިންޓާއެކު ތޯއިފް ވަނީ ކޯޗާއެކު ވަރަށް ބޮޑަށް އުފާކޮށް، ސަޕޯޓަރުންނާއެކުވެސް އުފާފާޅުކޮށްފައެވެ.

އަފްނާން ގަދަ 16 އަށް ދަތުރުކުރީ ރިޔޫނިއަންގެ މަރީނާ ބިއެލޭ ސީދާ ދެސެޓުން ބަލިކޮށްފައެވެ. އަފްނާން ސެޓުތައް ގެންދިޔައީ 21-11، 21-16 އިންނެވެ. ޝަހުރުނާޒަށްވެސް ޖެހުނީ ފަސޭހަ މެޗެކެވެ. މަޔޮޓްގެ ސާރާ މިނާސް ކައިރިން ސީދާ ދެ ސެޓުން ޝަހުރުނާޒް މޮޅުވި އިރު، ސެޓުތައް ގެންދިޔައީ 21-6 އަދި 21-4 އިންނެވެ.