މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ކުރިން ނ. އަތޮޅަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ގއ. އަދި ގދ. ގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ތިނަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މުޅި ރާއްޖެ ދަތުރުފަތުރުން ގުޅުވާލައި އާރުޓީއެލް ޕްރޮޖެކްޓަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޑްރީމް ޕްރޮޖެކްޓެއް ކަމަށެވެ. އާރުޓީއެލް ފެރީގެ ހިދުމަތް މިހާރު އާބާދީ ބޮޑު ހުރިހާ ހިސާބުތަކަކަށް ދެމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެއީ 100،000 މީހުން ދިރިއުޅޭ ސަރަހައްދުތަކެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

"މަނިކުފާނުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ނ. އަތޮޅަށް އާރުޓީއެލްގެ ހިދުމަތް ތައާރަފުކުރުމަކީ މަނިކުފާނުގެ ވައުދެއް. ﷲ ގެ ވާގިފުޅާއެކު 17 ނޮވެމްބަރުވާ ހުކުރު ދުވަހު މަނިކުފާނު ރިޔާސީ ދެވަނަ ދައުރަކަށް ހުވާ ކުރުމުގެ ކުރިން އާރުޓީއެލްގެ ހިދުމަތް ނ. އަތޮޅުގައި އޮންނާނީ ފެށިފައި،" އާޒިމް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް 2024 ވަނަ އަހަރު ނިމޭއިރަށް މުޅި ރާއްޖެ އާރުޓީއެލް ފެރީގެ ނިޒާމަކުން ގުޅުވާލާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އެ މަޝްރޫއު ނިމިގެންދާ އިރު 1،000 ވަރަކަށް ވަޒީފާ އުފެދިގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މުޅި ރާއްޖެ އާރުޓީއެލް ފެރީގެ ނިޒާމަކުން ގުޅުވައި ނިމޭއިރު ހިދުމަތުގައި 82 ސްޕީޑް ފެރީ އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ހއ. ދިއްދޫގައި އާރުޓީއެލް ބަހުގެ ހިދުމަތް އަންނަ ހަފުތާގައި ފަށާއިރު އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރާ ޓީމު އަންނަ އާދިއްތަ ދުވަހު އެ ރަށަށް މޮބިލައިޒްކުރާނެ ކަމަށާއި ދުވާލަކަށް އެވްރެޖުކޮށް 23،000 މީހުން ބަހުގެ ހިދުމަތް ހޯދާ ކަމަށެވެ.

އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން 154 މަޝްރޫއެއް ނިމިފައިވާ ކަމަށާއި 150 އަށްވުރެ ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.

"މިހާތަނަށް ހަތް ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއުތައް އެމްޓީސީސީން އެކަނިވެސް ނިންމާލައިފި. މިވަގުތު ހިނގަމުންދާ މަޝްރޫއުތަކުގެ އަގު ހަތް ބިލިއަނަށް އަރާ. އަދި ކޮބައިތޯ އެ މަޝްރޫއުތަކެއްގެ ސާވޭ ހެދުމާއި އީއައިއޭ ހެދުމުގެ މަރުހަލާގައި ހުރި މަޝްރޫއުތަކުގެ އަގު ހަތަރު ބިލިއަނަށް އަރާ،" އާޒިމް ވިދާޅުވިއެވެ.

މިހާތަނަށް އެމްޓީސީސީން 56 ބަނދަރެއްގެ މަސައްކަތް ނިންމާފައިވާ ކަމަށާއި 66 ބަނދަރެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ތިން އެއާޕޯޓެއްގެ މަސައްކަތް އެމްޓީސީސީން ނިންމައިފައިވާ އިރު، ފަސް އެއާޕޯޓެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ބިން ހިއްކުމާއި، މަގު ހެދުމާއި، ކޯޒްވޭ ހެދުމާއި، މަލްޓިޕާޕަސްހޯލް އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް އެމްޓީސީސީން ކުރަމުން އަންނަ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އެ މަޝްރޫއުތަކަކީ މީގެ ކުރިން ބޭރުގެ ކުންފުނިތަކުން ކުރަމުން އައި މަސައްކަތްތައް ކަމަށާއި އެމްޓީސީސީއާ އެ މަޝްރޫއުތައް ހަވާލުކުރުމުގެ ސަބަބުން 150 މިލިއަން ޑޮލަރާއި 200 މިލިއަން ޑޮލަރުގެ ފައިސާ ރާއްޖޭގެ އިގުތިސޯދުގައި ހިފެހެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުވަދޫ އަތޮޅުގައި އެމްޓީސީސީން ހަދަމުން އަންނަ ބައިނަލްއަގުވާމީ ބަނދަރުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ނިމޭނެ ކަމަށާއި އެ ތަނުން މަސް އެކްސްޕޯޓް ކުރެވެން ހުންނާ ނެކަމަށް އާޒިމް ވިދާޅުވިއެވެ.