މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ގެ އެތުލެޓިކްސް، 400 މީޓަރު އަންހެން ފައިނަލަށް ރާއްޖޭގެ ޒިވާ މޫސާ ޝަފީއު، އައިޝަތު ހިމްނާ ހަސަން އަދި އައިމިނަތު ލަޔާނާ މުހައްމަދު ދަތުރު ކޮށްފިއެވެ.
އެތުލެޓިކްސްގެ އިވެންޓްތައް އިއްޔެ ފެށިގެން ކުރިއަށްދާ އިރު، ރާއްޖޭގެ މިކްސް ރިލޭ ޓީމުން އިއްޔެ ވަނީ 400 މީޓަރު ރިލޭގެ ތިންވަނަ ހޯދައި ބްރޯންޒް މެޑަލް ހޯދައިފިއެވެ. އަންހެން 400 މީޓަރުގެ ހީޓް އިވެންޓްތައް މިއަދު ހެނދުނު ކުރިއަށް ގޮސްފައިވާ އިރު، ޒިވާ ވާދަކުރީ ހީޓް އެކެއްގައެވެ. އެ ހީޓްގައި ޒިވާ ވަނީ ތިންވަނައަށް ރޭސް ނިންމައިފައެވެ. ޒިވާ މިއަދުގެ ހީޓްގައި ރޭސް ނިންމީ 60.30 ސިކުންތުގެ ޓައިމިންއެއްގައެވެ.
ޒިވާގެ ދެން އެ ހީޓުން ފައިނަލަށް ދިޔައީ އެއްވަނަ އަދި ދެވަނަ ހޯދި މަޑަގަސްކަރަ އަދި ރިޔޫނިއަންގެ ދުވުންތެރިންނެވެ. އެއްވަނައަށް ނިންމި މަޑަގަސްކަރައިގެ ކަލޮއިނާ ރަހަރެއިނައިވޯ ރޭސް ނިންމީ 56.41 ސިކުންތުންނެވެ. ދެވަނައިގައި ނިންމި ރިޔޫނިއަންގެ އެލީސާ ހަމިލްކާރޯގެ ޓައިމިންއަކީ 57.52 ސިކުންތެވެ. ދެވަނަ ހީޓްގައި ރާއްޖޭގެ ލަޔާނާ އާއި ހިމްނާ ވާދަކޮށްފައިވާ އިރު، ހިމްނާ ހީޓް ނިންމީ ދެވަނައިގައެވެ. އެއީ 56.90 ގެ ޓައިމިންއެއްގައެވެ. ލަޔާނާވެސް ކޮލިފިކޭޝަން ޔަގީންކޮށްފައިވާ އިރު، އޭނާގެ ޓައިމިންއަކީ 58.51 ސިކުންތެވެ.
މިއަދު ހެނދުނު ރާއްޖޭގެ އާދަމް ރިއްފަތާއި އަބްދުލް ރަޝީދުގެ އިތުރުން ހުސައިން ޒީކް ސުއާދުވެސް 400 މީޓަރު ފިރިހެން ހީޓް އިވެންޓްގައި ވާދަކޮށްފައިވެއެވެ. އެ ތިން އެތުލީޓުންނަށްވެސް ފައިނަލުން ފުރުސަތު ލިބިފައެއް ނުވެއެވެ. މިއަދު ރާއްޖޭގެ ހުސައިން ފަޒީލް ހާރޫން 1500 މީޓަރު ދުވުމުގެ ފައިނަލްގައި ވާދަކުރާނެއެވެ.
އަންހެން އަދި ފިރިހެން 400 މީޓަރު ފައިނަލް އިވެންޓްތައް އޮންނާނީ މާދަމާއެވެ.