މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ބެޑްމިންޓަން އިވެންޓުން ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމު ރިހި މެޑަލް ހޯދައިފިއެވެ.

ފިރިހެން ބެޑްމިންޓަން ޓީމުން ރިހި މެޑަލް ލިބުނީ މިއަދު ކުޅުނު ފައިނަލުގައި މޮރިޝަސް އަތުން ބަލިވުމުންނެވެ. މީގެ ކުރީގެ ކާމިޔާބީއަށް ބަލާއިރު، 2019ގެ އައިއޯއައިޖީގައި ގައުމީ ފިރިހެން ބެޑްމިންޓަން ޓީމުން ބްރޯންޒް މެޑަލް ހޯދިއެވެ. އަދި އޭގެ ކުރިން 2015 ވަނަ އަހަރު ގައުމީ ބެޑްމިންޓަން ޓީމުން ވަނީ ރިހި މެޑަލް ހާސިލުކޮށްފައެވެ.

މިއަދުގެ ފައިނަލު މެޗު މޮރިޝަސްއިން 3-0 އިން ކާމިޔާބު ކުރި އިރު، ފުރަތަމަ ގޭމުގައި ރާއްޖޭގެ ހުސައިން ޒަޔާން ޝަހީދު ޒަކީ ނުކުތީ މޮރިޝަސްގެ ޖޫލިއެން ޕައުލްއާ ދެކޮޅަށެވެ. އެ ގޭމް 21-10 އަދި 21-9 އިން ކާމިިޔާބު ކުރީ ޖޫލިއަންއެވެ.

ދެ ވަނަ ސިންގަލްސްގައި ރާއްޖޭގެ ނިބާލްވެސް ބަލިވީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް މޮރިޝަސްގެ އެލެގްޒަންޑާ ބޮންގޯޓް ކާމިޔާބުކުރީ 21-13 އަދި 21-18 އިންނެވެ. ތިން ވަނަ ސިންގަލްސްގައި މުހައްމަދު އަޖުފާން ރަޝީދު ވަނީ ކެމްޓިޝް ނަންދާ އަތުން ބަލިވެފައެވެ. މެޗުގެ ސެޓުތައް ދިޔައީ 21-13 އަދި 21-13 އިންނެވެ.

މުބާރާތުގެ ފިރިހެން ޓީމް އިވެންޓުން ރާއްޖެއިން ރިހި މެޑަލް ހޯދި އިރު، އަންހެން ޓީމުވެސް ވަނީ ރިހި މެޑަލް ހޯދައިފައެވެ. އެއީ އަންހެން ޓީމުވެސް ބައިނަލްއަގްވާމީ މުބާރާތެއްގައި ހޯދި ފުރަތަމަ ރިހި މެޑަލްއެވެ.