އއ. ރަސްދޫ ބަނދަރުގެ ބޭރުތޮށި ލުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

ޖުމުލަ 80.4 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި މި މަހުގެ 10 ވަނަ ދުވަހު މަޝްރޫގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒްކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން 106,552 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބިން ހިއްކުމާއި 106 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 1,656 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 177 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ހަމަޖެހިފައިވެއެވެ.

އޭގެ އިތުރުން 244 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 43 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި 20 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި 795 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުން އަދި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތެ ހިމެނެއެވެ.