• މަޑަގަސްކަރައިން މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ގެ އަންހެން ބެޑްމިންޓަން ޓީމް އިވެންޓްގެ ރިހި މެޑަލް ރާއްޖެއިން ހޯދައިފިއެވެ.

މިއަހަރުގެ އަންހެން ޓީމް އިވެންޓަށް ރާއްޖެއިން ތައްޔާރުވީ ރަން މެޑަލްއަކަށް ނަމަވެސް، އިއްޔެ މޮރިޝަސް ކައިރިން ބަލިވެ އަންހެން ޓީމަށް އެ ފުރުސަތު ގެއްލުނީއެވެ. ފުރަތަމަ ދުވަހު ރަނގަޅު ފެށުމަކުން ފަށައި، ރިޔުނިއަން ބަލިކުރި ނަމަވެސް އިއްޔެގެ ނަތީޖާއިން ރަން މެޑަލް ގެއްލުމުން މިއަދު ނުކުތީ ރިހި މެޑަލް ޔަގީން ކުރުމަށެވެ. މިއަދު މަޔޮޓްއާ ދެކޮޅަށް ނުކުމެ، ސީދާ ފަސް ގޭމުން ރާއްޖެ މޮޅުވީ ފަސޭހަކަމާއެކުގައެވެ. މެޗުގައި ސެޓެއްވެސް މަޔޮޓަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ފުރަތަމަ ގޭމްގައި ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުލްރައްޒާގު ނުކުތީ އޮޑްރޭ ބޮއިޝަސްއާ ދެކޮޅަށެވެ. އެ ގޭމް ސީދާ ދެސެޓުން ނަބާހާ ކާމިޔާބުކުރީ 16-21 އަދި 21-4 އިން ސެޓުތައް ގެންގޮސްގެންނެވެ.

ދެވަނަ ގޭމްގައި އައިމިނަތު ނަބީހާ އަބްދުލްރައްޒާގު މަޔޮޓްގެ މާގުއެރިޓާ ބެކްޑެލިވޭއާ ދެކޮޅަށް ނުކުމެ 21-4، 21-4 އިން ސެޓުތައް ގެންގޮސް ފަސޭހަ މޮޅެއް ހޯދިއެވެ. ތިންވަނަ ސިންގަލްސް ގޭމްގައި އައިޝަތު ޝަހުރުނާޒު މޫސާ ވަނީ ސީދޭ ދެސެޓުން އިންޑިިލާ އަބަނޯ ބަލިކޮށްގައެވެ. ސެޓުތައް ގެންދިޔައީ 21-8 އަދި 21-6 އިންނެވެ.

ދެން ކުޅެފައި ވަނީ މެޗުގެ ޑަބަލްސް ދެ ގޭމެވެ. އެ ދެގޭމުގައިވެސް ރާއްޖޭގެ ކުޅުންތެރިން މާ ބޮޑަށްވެސް މޮޅުކޮށް ފެނުނު އިރު، ނަބާ އާއި ނަބީ ވަނީ ސީދާ ދެސެޓުން އިންޑިލާ އާއި އޮޑްރޭގެ ޕެއާ ބަލިކޮށްފައެވެ. ސެޓުތައް ގެންދިޔައީ 21-6، 22-17 އިންނެވެ. ފަހު ގޭމްސްއަށް ޝަހުރުނާޒާއި ޝުބާ ނުކުތީ މާގުއެރިޓާއާއި ސާރާ މިނާސްއާ ދެކޮޅަށެވެ. ދެސެޓުން ރާއްޖޭގެ ޕެއާ މޮލުވި އިރު، ސެޓުތައް ގެންދިޔައީ 21-10 އަދި 21-17 އިންނެވެ.

މިއީ އައިއޯއައިޖީގައި ރާއްޖޭގެ އަންހެން ޓީމުން ރިހި މެޑަލް ހޯދި ފުރަތަމަ ފަހަރެވެ. އެންމެފަހުން 2019 ވަނަ އަހަރު އަންހެން ޓީމުން ހޯދީ ލޯ މެޑަލްއެކެވެ.