އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފިއެވެ.
ނިއުކާސަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލުން ނިއުކާސަލް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކަށް ރަތް ކާޑު ދައްކާފައިވާ އިރު، ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ލިވަޕޫލުން މެޗުން މޮޅުވީ ފަހު ވަގުތު ދެ ގޯލު ޖަހައިގެންނެވެ.
ރޭގެ މެޗުގެ 25 ވަނަ މިނެޓުގައި ނިއުކާސަލްއިން ވަނީ ލީޑު ނަގައިފައެވެ. ޓްރެންޓް އެލެކްސެންޑާ-އާނޯލްޑްގެ ފަރާތުން ފެނުނު ގޯހެއްގެ ބޭނުން ހިފައި ނިއުކާސަލްއަށް ލީޑު ނަގައިދިނީ އެންތޮނީ ގޯޑަންއެވެ. އެ ގޯލާއެކު ނިއުކާސަލްއިން ލީޑު ނެގިތާ ތިން މިނެޓް ފަހުން ލިވަޕޫލަށް އިތުރު މާޔޫސްކަމަކާ ކުރިމަތިވީ ވެން ޑައިކަށް ރަތް ކާޑު ދެއްކުމުންނެވެ.
ވެން ޑައިކަށް ރަތް ކާޑު ދެއްކީ ހުސް ފުރުސަތެއްގައި އެލެކްސެންޑާ އިސާކް، ހުސްކޮށް ކުރިއަށް ގޮސް ގޯލަށް ފޮނުވާލަން އުޅުނު ފުރުސަތަކަށް ހުރަސް އަޅަން ކުރި ފައުލަކާ ގުލިގެންނެވެ.
ފުރަތަމަ ހާފުގައިވެސް އިތުރު ހަމަލާތައް އުފައްދާ ނުރައްކާތެރިކޮށް ފެނުނީ ނިއުކާސަލްއެވެ. މިގޭލް އަލްމިރޯންގެ ދެ ހަމަލާއެއް ފާހަގަވެގެން ގޮސްފައިވާ އިރު، ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާގެ ރަނގަޅު ދެ ސޭވްއެއް ފެނިގެން ދިޔައެވެ. އަދި އެލްމިރޯންގެ އެއް ހަމަލާ ދަނޑިއަށްވެސް އަމާޒުވިއެވެ.
ދެވަނަ ހާފުގައި ލިވަޕޫލުން ކުޅުން ރަނގަޅު ކުރީ އުރުގުއާއީގެ ފޯވަޑް ޑާވިން ނުނޭޒް ކުޅުމަށް ނެރެގެންނެވެ. އޭނާގެ ފަރާތުން ނުރައްކާތެރި އެޓޭކްތަކެއް ފެނިގެން ގޮސްފައިވާ އިރު، 81 ވަނަ މިނެޓުގައި ނުނޭޒް ވަނީ ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެ ގޯލަށްފަހު ރަނގަޅު ރޫހެއްގައި ކުޅުނު ލިވަޕޫލް މޮޅުކޮށްދިން ގޯލުވެސް ރޭގެ މެޗުގައި ޖެހި ނުނޭޒްއެވެ. އޭނާގެ ދެވަނަ ގޯލު ފެނުނީ 93 ވަނަ މިނެޓުގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު