ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށަން ބޭނުންވާ ވަރަށް މެމްބަރުން ހަމަނުވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަކަށް ނުގެންދެވުނެވެ.
ނުވަގަޑި ސުން މިނެޓުގައި ޖަލްސާ ފައްޓަންތައްޔާރުވެ ވަޑައިގެން، ރިޔާސަތަށް ވަޑައިގެންނެވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، "މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން ޖަލްސާ ކުރިއަށް ގެންދެވެނީ، ޖަލްސާ ފަށާއިރު 22 މެންބަރުން ހާޒިރުވެވަޑައިގެން،" ކަަމަށެވެ.
ނަމަވެސް ޖަލްސާގެ ކޯރަމް ހަމަނުގެން ކޯރަމް ރަނގަބީލު ޖަހައި، އޭގެ ވަގުތު ހަމަވުމުންވެސް މެންބަރުން ހާޒިރު ނުވުމުގެ ސަބަބުން ޖަލްސާ ނިންމަވައިލެއްވީ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"ކޯރަމް ރަނގަބީލު ޖަހައި އޭގެ ފަހުން އޭގެ ވަގުތު ހަމަވެހިނގައްޖެ އެހެންނަމަވެސް މަޖިލިސްގެ ތަޅުމަށް ކޯރަމް ހަމަވާ މިންވަރަށް މެންބަރުން ހާޒިރުނުވެ ވާތިވެ ޖަލްސާ ނުބޭއްވި ނިމުނީ،" ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެންޑާ ކޮށްފައި ވަނީވެސް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލައެވެ.
މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ވެސް އެޖެންޑާ ކޮށްފައި އޮތީ ހަމަ އެ މައްސަލައެވެ. އަދި އަންގާރަ ދުވަހު އޮތް ދެވަނަ ޖަލްސާއަށްވެސް އެޖެންޑާކޮށްފައި އޮތީވެސް އެ މައްސަލައެވެ. ނަމަވެސް އެ ދުވަހުގެ ޖަލްސާ ނިމައިލީ އެ މައްސަލައަށް ވާހަކަ ދައްކަވާނެ މެމްބަރަކު ނެތިގެންނެވެ. އެއަށްފަހު މަޖިލީހުގެ ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ. އަނެއްކާވެސް ހަމަ އެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރީއެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނެނީ، މަޖިލީހުގައި ސިޔާސީ ޕާޓީތަކާއި އަމިއްލަ މެންބަރުން ތަމްސީލު ކުރާ ނިސްބަތުންނެވެ. އެހެންކަމުން ކޮމިޓީތަކަށް ބަދަލު ގެންނަން ޖެހުނީ އެމްޑީޕީ ދެބައިވެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ތެރޭގައި އެ ޕާޓީގައި ތިބި މަޖިލިސް މެންބަރުންތަކެއް ޕާޓީން ވަކި ވުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ކޮމިޓީތަކަށް ބަދަލު ނުގެނެސް ޖޫން 23 ގައި މަޖިލިސް ދެވަނަ ދައުރުގެ ޗުއްޓީއަށް ދިއުމުން، އެމްޑީޕީން ހުށަހަޅައިގެން ދައުރުން ބޭރުން މަޖިލީހުގެ ހާއްސަ ދެ ޖަލްސާ ބާއްވައި ޖުލައި މަހުގެ ތެރޭގައި ކޮމިޓީތައް އެކުލަވައިލިއެވެ.
ނަމަވެސް އަލުން ކޮމިޓީތަކުގެ މައްސަލަ އެޖެންޑާ ކޮށްފައި މިވަނީ، މަޖިލިސް ރައީސް އިސްވެ ހުންނަވައި، އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކޮށްފައިވާތީ، އެ ޕާޓީގެ މެންބަރުން މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމާ ގުޅިގެންނެވެ.
ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ 13 މަޖިލިސް މެންބަރުން ތިއްބެވި ނަމަވެސް، މަޖިލީހުގެ މިދައުރު ފެށުމަށް މިދިޔަ ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރަން އެދިވަޑައިގެން، މަޖިލިސް ގަވާއިދުގައި ބަޔާންކުރާ ލިޔުންތައް ހުށަހަޅާފައިވަނީ ތިން މެންބަރުން ކަމަށެވެ.
އެހެންކަމުން ދަ ޑިމޮކްރެޓްސް މަޖިލީހުގައި ތަމްސީލު ކުރައްވާނީ އެ ތިން މެންބަރުން ކަމަށްވެސް ވިދާޅުވިއެވެ. އެއީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާންއެވެ.
މަޖިލިސް ރައީސަށް ފާޑު ވިދާޅުވާ މެންބަރުން ވިދާޅުވީ، މަޖިލިސް ރައީސްގެ ވިސްނުން ފުޅަކީ ކޮމިޓީތައް ހުއްޓުވާފައި ބޭއްވުން ކަމަށާއި އެ ޕާޓީގެ މެންބަރުން މަދު މަދުން މަޖިލިސް ދަފުތަރުގައި ހިމަނުއްވަނީ އެސަބަބަށްޓަކައި ކަމަށެވެ. އެއީ އޭގެ ތެރެއިން މެންބަރަކު މަޖިލީހުގެ ދަފްތަރުގައި ހިމަނާ ކޮންމެ ފަހަރަކު މަޖިލީހުގެ ކޮމިޓީތަކަށް ބަދަލު ގެންނަން މަޖިލިސް ތަޅުމުގައި ބަހުސް ކުރަން ޖެހޭނެތީއެވެ.
އެ މެމްބަރުން ވިދާޅުވީ، މަޖިލިސް ރައީސް އެކަން ކުރުމުގެ މަގުސަދަކީ މަޖިލިސް ރައީސް އާއި ނައިބު ރައީސްގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިސް ތަޅުމަށް އަޔަ ނުދިނުމެވެ. އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިސް ތަޅުމަށް އައިސްފައި ނުވަނީ، މަޖިލިސް ގަވާއިދު ބުނާގޮތުން، އެ މައްސަލައަށް މަޖިލީހުގައި ބަހުސް ކުރާނެ ވަގުތާއި ބަހުސްގައި މެންބަރުންނަށް ދޭންޖެހޭ ވަގުތުތައް ކަނޑައަޅަން ޖެހެނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ އާއްމު ކޮމިޓީން ކަމަށްވާތީއެވެ. އެ ކޮމިޓީން އެކަން ނިންމައިގެން ނޫނީ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް އެޖެންޑާއެއް ނުކުރެވޭނެއެވެ.
ނަމަވެސް މަޖިލީހުގެ ދާއިމީ ކޮމިީތައް ހުއްޓިފައި އޮތުމުން، ދާއިމީ ކޮމިޓީއަށް ވަނީ އެ މަސައްކަތް ކުރެވޭގޮތް ނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު