- މަޑަގަސްކަރައިން މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި އިއްޔެ ކުރިއަށްދިޔަ ފެތުމުގެ އިވެންޓްތަކުގައިވެސް ގައުމީ ދެ ރެކޯޑު އާކޮށްފިއެވެ.
އިއްޔެވެސް ފުރަތަމަ ސްވިމިންގެ ކޮލިފިކޭޝަން އިވެންޓްތައް ކުރިއަށް ގެންގޮސްފައިވާ އިރު، އެންމެ ފުރަތަމަ 100 މީޓަރު އަންހެން ބެކްސްޓްރޯކް އިވެންޓްގައި ސައުސަން އައިޝަތު ވާދަކޮށް، ހީޓް ނިންމީ އެއް މިނެޓް، 21.45 ސިކުންތުންނެވެ. އެ ނަތީޖާއާއެކު ސައުސަން ވަނީ ފައިނަލް އިވެންޓަށް ކޮލިފައިވެ، އެ އިވެންޓްގައި ހަވީރު ފަތާފައެވެ.
އޭގެ އިތުރުން އަލީ އިމްއާންވެސް ވަނީ 100 މީޓަރު ފިރިހެން ބެކްސްޓްރޯކް އިވެންޓްގެ ފައިނަލް ހީޓަށް ކޮލިފައިވެއެވެ. އެއީ އެއް މިނެޓް 7.11 އިން ރޭސް ނިންމައިގެންނެވެ. ދެން އިއްޔެ އޮތް ފައިނަލް ހީޓަށް ކޮލިފައިވީ މުހައްމަދު އާން ހުސައިނެވެ. 50 މީޓަރު ފިރިހެން ބަޓަފްލައި އިވެންޓުން އާން ފައިނަލްސްއަށް ދިޔައީ ޕްލިމިނަރީ ހީޓް 27.23 ސިކުންތުން ނިންމައިގެންނެވެ. އެއީ ގައުމީ ރެކޯޑެކެވެ.
އިއްޔެ ހަވީރު އޮތް ފައިނަލް ހީޓްތަކުގައި ވާދަކޮށް 50 މީޓަރ ބަޓަފްލައި އިވެންޓްގެ ގައުމީ ރެކޯޑް، ހަނާން ހުސައިން ހަލީމް ވަނީ ގައުމީ ރެކޯޑު މުގުރާލައިފައެވެ. ހަނާން މި ރެކޯޑް އައުކޮށްފައިވަނީ 35.15 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
އެ ރެކޯޑަކީ މީގެ 16 އަހަރު ކުރިން ބޭއްވުނު ފުރަތަމަ ސައުތު އޭޝިއާ ސްވިމިން އެންޑް ވޯޓާޕޯލޯ ޗެމްޕިއަންޝިޕްސް 2007 ގައި، ފާތިމަތު ރޫޔާ ޙުސައިން ހަދާފައި އޮތް ރެކޯޑެކވެ. އެފަހަރު ރޫޔާ ގައުމީ ރެކޯޑް ހެދީ 32.24 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މިހާތަނަށް އައިއޯއައިޖީގައި ސްވިމިން ޓީމުން ވަނީ ގައުމީ ފަސް ރެކޯޑެއް ހަދައިފައެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް