- ތ. ތިމަރަފުށިން އަލީ ރިފްޝާން
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ އެޑްވައިޒަރެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭންގައި ބައިވެރިވެވަޑައިގަންނަވަން ފައްޓަވައިފިއެވެ.
ތ. ތިމަރަފުށީގައި ރޭ ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން ބައްދަލުވުމުގައި މިނިސްޓަރު ހުސައިން ފެނިވަޑައިގެންފައިވެއެވެ. ނަމަވެސް އެ ބައްދަލުވުމުގައި މިނިސްޓަރު ވާހަކަދައްކަވައިފައެއް ނުވެއެވެ.
ތިމަރަފުށީގައި ބޭއްވި ރަސްމީ ބައްދަލުވުމަށްފަހު، މިނިސްޓަރު ހުސައިން ވަނީ ރައީސް ސޯލިހާއެކު ތިމަރަފުށީގެ ޒުވާނުންނާ ވަކިން ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުން ލީޑު ކުރައްވާފައިވަނީ ވެސް ރައީސް ސޯލިހާއި މިނިސްޓަރު ހުސައިނެވެ.
ތިމަރަފުށީ އެމްޑީޕީ ހަރުގޭގައި ޒުވާނުންނާއެކު ބޭއްވި އެ ބައްދަލުވުމަށްފަހު، ރައީސް ސޯލިހަށް ތާއީދުކުރައްވަން ނިންމެވީތޯ "ވަން" އިން މިނިސްޓަރު ހުސައިންއާ ސުވާލުކުރުމުން ވިދާޅުވީ، މިވަގުތު އެކަމާ ގުޅޭ ގޮތުން މީޑިއާއާ ވާހަކަދައްކަވަން ބޭނުންނުވާ ކަމަށެވެ.
އެކަމާ ގުޅޭގޮތުން މިނިސްޓަރު ހުސައިން ކޮމެންޓެއް ނުދެއްވި ނަމަވެސް، ރައީސް ސޯލިހަށް ތާއީދުކުރައްވަން ނިންމެވިކަން "ވަން"އަށް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް ޖޭޕީން މިނިސްޓަރު ހުސައިން އަދި ވަކިވެވަޑައިގެންފައެއް ނުވެއެވެ.
މީގެ ކުރިން ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމު ފުރުއްވާފައިވާ ޑރ. ހުސައިން، ގާސިމްގެ އެޑްވައިޒަރަކަށް ހަމަޖައްސާފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަން ނުހަދައި، ޖޭޕީން ވަކިން ވާދަކުރަން ނިންމުމާއެކު އެ ޕާޓީގެ އިސް ސަފުން މިނިސްޓަރު ހުސައިން ފެނިވަޑައިގެންފައެއް ނުވެއެވެ.
ޖޭޕީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ އެ ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. މައުސޫމާއި ހުސައިންގެ އިތުރުން ދެން ޖޭޕީގެ ސްލޮޓުގައި މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވީ ޓްރާންސްޕޯޓް މިނިސްޓަރު އަދި ގާސިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާއެވެ. މިނިސްޓަރު ނަހުލާ ގެންދަވަނީ ގާސިމްގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ޖޭޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ދާދި ފަހުން ރައީސް ސޯލިހުގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގެންފައެވެ. އެންމެ ފަހުން ފައިސަލް ބައިވެރިވެވަޑައިގެންނެވީ ފުވައްމުލަކު ސިޓީގައި ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާގައެވެ. އެ ޖަލްސާގައި ފައިސަލް ވަނީ ރައީސް ސޯލިހަށް ތައުރީފުކުރައްވައި ވާހަކަވެސް ދައްކަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު