މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023ގައި ވާދަކުރަމުން އަންނަ ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމަށް ރަން މެޑަލްގެ ފުރުސަތު ގެއްލުނު ނަމަވެސް، މެޑަލްއެއް ޔަގީންކޮށްފިއެވެ.
މި ފަހަރު ބެޑްމިންޓަން ޓީމުން ތައްޔާރުވީ ޓީމް އިވެންޓުން ރަން މެޑަލް ހޯދުމަށެވެ. ފުރަތަމަ ދުވަހު ރަނގަޅު ފެށުމަކުން ފަށައި، ރިޔުނިއަން ބަލިކޮށް މިއަދުގެ މެޗުތަކަށް ނުކުތް އިރު، ރަން މެޑަލް ހޯދުމުގެ ފުރުސަތު ގެއްލުނީ މިއަދު މޮރިޝަސް އަތުން ބަލިވުމުންނެވެ.
ބެޑްމިންޓަން ޓީމުން ކުޅުނު މެޗުގައި މިއަދު ހެނދުނު މޮރިޝަސް އަތުން ބަލިވީ ވާދަވެރި މެޗަކަށްފަހު 3-2 އިންނެވެ. ފުރަތަމަ ކުޅެން ނުކުމެ ފާތިމަތު ނަބާހާ މޮރިޝަސްގެ ލުޑިކް އަތުން ސީދާ ދެ ސެޓުން ބަލިވިއެވެ. އެއީ 21-16, 21-11 ނެވެ. އެ ބައްޔާއެކު ރާއްޖެ ފެށި ނަމަވެސް، އާމިނަތު ނަބީހާ ވަނީ ދެވަނަ ގޭމްގައި 2-1 ސެޓުން ލޯނާ ބަލިކޮށް އުއްމީދު ހޯދާފައެވެ. ނަބީހާ ސެޓުތައް ގެންދިޔައީ 19-21, 21-12, 21-16 އިންނެވެ.
ޓީމް އިވެންޓްގެ ތިން ވަނަ ގޭމަށް ރާއްޖެއިން ނުކުތީ މައިސާ ފަތުހުﷲ އެވެ. އެ މެޗުގައި ތިޔާ ބާތުން ވަނީ މައިސާގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިފައެވެ. މެޗުން ތިޔާ މޮޅުވީ 21-14, 21-15 އިން ސެޓުތައް ގެންގޮސްގެންނެވެ.
މިއަދު އެ މެޗުގައި ރާއްޖެއަށް އަލުން އުއްމީދު ހޯދައި ދިނީ ނަބާއާއި ނަބީގެ ޕެއާއިން ކުޅުނު ޑަބަލްސް މެޗުގައެވެ. ވިލީނާއާއި ތިޔާ ބާތުންގެ މައްޗަށް ނަބާއާއި ނަބީ ކުރި ހޯދީ 21-9, 21-15 ނެވެ. އެ އުންމީދާއެކު ރާއްޖެއިން ފަސްވަނަ ގޭމަށް ދިޔަ ނަމަވެސް، ފަހު ގޭމްގައި މައިސާއާއި އައިޝަތު އަފްނާން ރަޝީދުގެ ޕެއާއަށް ކުރި ނުހޯދުމުން ރާއްޖެ މެޗުން ބަލިވެ, ރަން މެޑަލްގެ ފުރުސަތު ގެއްލުނީއެވެ. މޮރިޝަސް ޕެއާ ސެޓްތައް ގެންދިޔައީ 21-15, 21-7 އިންނެވެ.
މޮރިޝަސް އަތުން ބަލިވެ ރަން މެޑަލްގެ ފުރުސަތު ގެއްލުނު ނަމަވެސް އަންހެން ޓީމުން ވަނީ މެންދުރުފަހު 4-1 އިން މަޑަގަސްކަރަ ބަލިކޮށް މެޑަލް ޔަގީންކޮށްފައެވެ. މެޗުގައި ރާއްޖެ އަށް ގެއްލުނީ ފަހު ގޭމް އެކަންޏެވެ. އެއީ ތިންވަނަ ގޭމް ކާމިޔާބު ކުރި ފަހުން މައިސާ ފަތުހުﷲ އަށް އަނިޔާވެ, ފަހު ޑަބަލްސް ދޫކޮށްލުމުންނެވެ.
ފުރަތަމަ ސިންގަލްސްގައި ފާތިމަތު ނަބާހާ ކުރި ހޯދީ ފެނިޓުރާ އެމްޑީއާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. އެއީ 21-10, 21-7 އިންނެވެ. ދެވަނަ ނަބީހާ ކުޅެން ނުކުމެ ސޯނިއައިނާ ބަލިކުރީވެސް ސީދާ ދެސެޓުންނެވެ. އެއީ 21-10, 21-14ގެ ނަތީޖާއަކުންނެވެ. މައިސާ ވަނީ 21-18, 21-15 ން ސެޓެފަނިއާ ބަލިކޮށްފައެވެ. ނަބާއާއި ނަބީ ޑަބަލްސްގައި ނުކުމެ 21-14, 21-8 ން ބަލިކުރީ ސްޓެފަނިއާ އާއި ސޯނިއައިނާގެ ޕެއާއެވެ.
ރާއްޖޭގެ އަންހެން ޓީމަށް ބާކީ އޮތީ މަޔޯޓާ ވާދަކުރާ މެޗެވެ. ލިބޭ މެޑަލް މުޅިން ކަށަވަރުވާނީ އެމެޗަށްފަހުއެވެ. ރަން މެޑަލް ލިބެނީ ރާއްޖެ ބަލިކުރި މޮރިޝަސް އަށެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް