ފުކުޝީމާ ނިއުކްލިއާ ފެން ކަނޑަށް އަޅާލި ނަމަވެސް މަހުން ރޭޑިއޯއެކްޓިވްގެ އަސަރެއް ނުފެންނަ ކަމަށް ޖަޕާނުން ބުނެފިއެވެ.

ޖަޕާނުގެ ފުކުޝީމާއިން ކަނޑަށް ނިއުކްލިއާފެން އަޅާލުމުން ދިމާވި ފިއްތުންތަކާއި އަވައްޓެރި ގައުމުތަކުން އެކަމަށް ދެކޮޅު ހަދައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ޖަޕާނުން ވަނީ ފުކުޝިމާއިން ފެން ދޫކުރި ޕެސިފިކް ކަނޑުން މަސް ބާނައި އޭގެން ސާމްޕަލް ނަގައި ޓެސްޓު ތަކެއް ހަދާފައެވެ.

ޖަޕާނު ސަރުކާރުން ވަނީ މަހުގެ ސާމްޕަލުން ހެދި ޓެސްޓުތަކުން އެއްވެސް މިންވަރަކަށް ޓްރިޓިއަމް (ރޭޑިއޯއެކްޓިވް) ރޭޑިއޭޝަންގެ އަސަރު ފެންނަން ނެތް ކަމަށް ބުނެފައެވެ.

ޖަޕާނުގެ އެގްރިކަލްޗަރަލް މިނިސްޓްރީން ވަނީ ސާމްޕަލް ނެގި މަސް ބާނާފައިވަނި ފުކުޝީމާއިން ފެން ބޭރުކުރާ ސަރަހައްދާ ފަސް މޭލު ބޭރުންކަމަށް ބުނެފައެވެ.

ފުކުޝީމާ ނިއުކްލިއާ ފެން ކަނޑަށް އަޅާލަން ފެށުމާއެކު އަވަށްޓެރި ޗައިނާއިން ވަނީ ޖަޕާނުން އުފައްދާ ކަނޑުމަހުގެ ބާވާތްތައް އެތެރެކުރުން ހުއްޓާލާފައެވެ.

ޖަޕާނުން އުކާލާ ފެނަކީ 2011 ވަނަ އަހަރު އެ ގައުމަށް އައި ބާރުގަދަ ބިން ހެލުމާއެކު ފުކުޝީމާ ނިއުކްލިއާ ޕަވާ ޕްލާންޓަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެ ޕްލާންޓުގެ ނިއުކްލިއާ ރިއެކްޓަރުތައް ފިނިކުރުމަށް ބޭނުންކުރި ފެނެވެ.