އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

ޓީޓީ ފިރިހެން ޓީމަށް ތާރީހީ ރިހި މެޑަލްއެއް، ފައިނަލުގައި ޝައްފާންގެ ތަފާތު!

މަޑަގަސްކަރައިން މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023ގެ ޓޭބަލް ޓެނިސް ޓީމު އިވެންޓްގެ ފިރިހެން ޑިވިޝަން ފައިނަލުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި މަޑަގަސްކަރަ ކައިރިން ބަލިވި ނަމަވެސް ރާއްޖޭގެ ފިރިހެން ޓީމުން ތާރީހީ މެޑަލްއެއް ހޯދައިފިއެވެ.

މިއަދު ކުޅުނު ފޯރިގަދަ ފައިނަލުގައި ރާއްޖެ ބަލިވީ ހަނި ތަފާތަކުން 3-2ގެ ނަތީޖާ އަކުންނެވެ. މެޗުގައި ރާއްޖޭގެ ފަރާތުން ތަފާތު ރޫހެއް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ގޭމަށް ނުކުމެ މުހައްމަދު ޝައްފާން އިސްމާއިލް ވަނީ މަޑަގަސްކަރައިގެ ރަންޑްރިއަނަންޓޯންޓަންޑްރޯ މަހެފް 3-2 ސެޓުން ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ސެޓު މަހެފް ގެންދިޔައީ 11-6 އިންނެވެ. އެ ސެޓު މަހެފް ގެންދިޔަ ނަމަވެސް، ދެން ކުޅުނު ދެ ސެޓުގައި ރާއްޖޭގެ ޝައްފާންގެ ފަރާތުން ފެނުނީ ތަފާތު ރޫހެކެވެ. ޕޮއިންޓްތައް ނަގައި އުފާފާޅުކުރަމުން ދިޔަ އިރު، އެ ދެ ސެޓު ޝައްފާން ގެންދިޔައީ 11-5 އަދި 11-2ގެ ނަތީޖާ އަކުންނެވެ.

އަނެއްކާވެސް މެޗުގެ ތިންވަނަ ސެޓު ގެންދިޔައީ މެހެފެވެ. އޭނާ އެ ސެޓު 11-9 އިން ގެންދިޔަ ނަމަވެސް ފަހު ސެޓު ޝައްފާން 11-6 އިން ގެންގޮސް ރާއްޖެއަށް ފެށުން ރަނގަޅު ކޮށްދިނެވެ.

މެޗުގެ ދެވަނަ ގޭމަށް މޫސާ މުންސިފް އަހުމަދު ނުކުތީ މަޑަގަސްކަރަ ޓީމުގެ އެންމެ ވަރުގަދަ ކުޅުންތެރިޔާ ނަޓިވެލް ޖޮނަތަންއާ ދެކޮޅަށެވެ. އެ މެޗު ޖޮނަތަން ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައިވާ އިރު، އޭނާ ސެޓުތައް ގެންދިޔައީ 11-9، 11-7 އަދި 11-5 އިންނެވެ.

މެޗުގެ ތިންވަނަ ގޭމަށް ރާއްޖޭގެ އަހްޔަރު އަހުމަދު ހާލިދު ނުކުމެ ރަޒަފިންޑްރަލަމްބޯ ޒޮ ނަންދާ ކައިރިން ރަނގަޅަށް މެޗު ފެށިއެވެ. އަހްޔަރު ފުރަތަމަ ސެޓު 11-6 އިން ގެންދިޔަ ނަމަވެސް، ދެން ޖެހިގެން އައި ދެ ސެޓު ގެންދިޔައީ ނަންދާއެވެ. 3-1 އިން އޭނާ މެޗު ގެންދިޔަ އިރު، ސެޓުތައް ގެންދިޔައީ 11-9، 11-4 އަދި 11-8 އިންނެވެ.

ރާއްޖެއަށް މިއަދުގެ ފައިނަލުގައި އުންމީދު އާކޮށްދިނީވެސް ފުރަތަމަ ގޭމް ގެންދިޔަ ޝައްފާނެވެ. ހަތަރުވަނަ ގޭމަށް ނުކުމެ ޝައްފާން ވަނީ މަޑަގަސްކަރައިގެ ވަރުގަދަ ކުޅުންތެރިޔާ ޖޮނަތަން ބަލިކޮށްފައެވެ. 3-2 ގެ ނަތީޖާއަކުން ޝައްފާން މޮޅުވި އިރު، ޝައްފާން ގެންދިޔަ ސެޓުތައް ގެންދިޔައީ 11-8، 12-10 އަދި 11-6 އިންނެވެ. ޖޮނަތަން ގެންދިޔަ ސެޓުތައް އޭނާ ގެންދިޔައީ 11-6 އަދި 11-8 އިންނެވެ.

މެޗުގެ ޑިސައިޑިން ގޭމްގައި ރާއްޖޭގެ މުންސިފް ނުކުމެ ފަހު ޕޮއިންޓާ ޖެހެންދެންވެސް ހިތްވަރު ކުރިއެވެ. މަޑަގަސްކަރައިގެ މަހެފް އާ ދެކޮޅަށް މުންސިފް ނުކުމެ ފުރަތަމަ ސެޓު 13-11 އިން ގެންގޮސްފައިވާ އިރު، ދެން ޖެހިގެން އައި ތިން ސެޓު މެހެފް ގެންދިޔައެވެ. އެއީ 11-6، 11-4 އަދި 16-14 ގެ ނަތީޖާއަކުންނެވެ. ފަހު ސެޓުގެ ފަހު ވަގުތުކޮޅު ނޭވާ ހިފަހައްޓާލަން ޖެހިފައިވާ އިރު، މުޅި ޓީޓީ ސެންޓަރު ފެނުނީ ވަރަށް ފޯރިގަދަކޮށެވެ.

މިއަދުގެ މެޑަލްއަކީ ފިރިހެން ޓީޓީގެ ޓީމް އިވެންޓަކުން ރާއްޖޭގެ ޓީމު ހޯދި ފުރަތަމަ ރިހި މެޑަލްއެވެ. މީގެ ކުރިން ރާއްޖޭގެ ފިރިހެން ޓީޓީ ޓީމް އިވެންޓަކުން ބައިނަލްއަގުވާމީ މެޑަލްއެއް ހޯދައިފައި އޮތީ 1979 ވަނަ އަހަރުއެވެ. އެއީ ލޯ މެޑަލްއެކެވެ.