• މަޑަގަސްކަރައިން މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023ގެ ޓޭބަލް ޓެނިސް ފިރިހެން ޓީމު އިވެންޓްގެ ފައިނަލަށް ރާއްޖެ ދަތުރުކޮށްފިއެވެ.

ޓީޓީ ފިރިހެން ޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް އިއްޔެ ސެމީ ޔަގީންކުރީ ކޮމޮރޮސްއާއި މަޑަގަސްކަރަ ބަލިކޮށްގެންނެވެ. ސެމީގައި މިއަދު ރިޔޫނިއަންއާ ދެކޮޅަށް ރާއްޖެ ނުކުމެ، މެޗު ކާމިޔާބުކުރީ 3-2 އިންނެވެ.

ފުރަތަމަ މެޗުގައި މޫސާ މުންސިފް އަހުމަދު ވަނީ ލެ ބްރެޓޮން ތޯމަސް ކައިރިން 3-1 އިން ބަލިވެފައެވެ. ލެ ބްރެޓޮން ގެންދިޔަ ސެޓުތައް ގެންދިޔައީ 11-9، 11-8 އަދި 11-6 ގެ ނަތީޖާ އަކުންނެވެ. މުންސިފް މެޗުގައި ގެންދިޔަ ސެޓު ގެންދިޔައީ 11-7ގެ ނަތީޖާއަކުންނެވެ.

ދެވަނަ މެޗަށް މުހައްމަދު ޝައްފާން އިސްމާއީލް ނުކުމެ، 3-2 އިން ވެޑަޕޮޑަގޮމް ގުއެންޓިން ބަލިކުރިއެވެ. ޝައްފާން ފުރަތަމަ ސެޓު 13-11 އިން ގެންދިޔަ އިރު، ދެން ޖެހިގައި އައި ދެ ސެޓުވެސް ވެޑަޕޮޑަގޮމް ގެންދިޔައީ 10-12 އިންނެވެ. އެ ދެ ސެޓާއެކު މެޗު ގެއްލުނުހެން ހީވި ނަމަވެސް، ޝައްފާން ވަނީ ފަހު ދެސެޓު 11-8 އަދި 12-10 އިން ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ.

ތިންވަނަ މެޗުގައި އަހްޔަރު އަހުމަދު ހާލިދު 3-1 އިން ޕޮތިން ޖީން ސެބެސްޓިއަން ބަލިކުރި އިރު، މެޗުގައި އަހްޔަރު ސެޓުތައް ގެންދިޔައީ 11-6، 11-5 އަދި 11-9 އިންނެވެ. ސެބެސްޓިއަން ގެންދިޔަ ސެޓު ގެންދިޔައީ 11-9 އިންނެވެ.

ހަތަރު މެޗުގައި ލެ ބްރެޓޮން ޝައްފާން ކައިރިން 3-0 އިން މޮޅުވި އިރު، ރާއްޖެއިން ގޭމް ގެންދިޔައީ މުންސިފް ނުކުމެ، ވެޑަޕޮޑަގޮމް 3-0 އިން ބަލިކޮށްގެންނެވެ. މުންސިފް ސެޓުތައް ގެންދިޔައީ 11-7، 11-6 އަދި 11-6 އިންނެވެ.

ލީގު އުސޫލުން ޓީޓީ އަންހެން ޓީމުގެ އިވެންޓް ކުރިއަށްދާ އިރު، އަންހެން ޓީމުން އިއްޔެ ކުޅުނު ދެމެޗުވެސް ކާމިޔާބުކުރިއެވެ. އެ ދެމޮޅާއެކު އުންމީދީ ފެށުމެއް ހޯދި ޓީޓީ ޓީމުން މިއަދު ވަނީ މަޑަގަސްކަރައާ ވާދަކޮށް 3-1 އިން ގޭމް ގެންގޮސްގެންނެވެ. އެހެންކަމުން ދެން ލީގު ބުރުގައި ވާދަކުރާ ފަހު މެޗުން ޓީޓީ ޓީމަށް ރަން މެޑަލް ޔަގީންކުރުމުގެ ފުރުސަތުވެސް އެބައޮތެވެ.