ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 91 ޕަސެންޓް ނިމިއްޖެ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން އެ ރަށުގައި ތާރު އެޅުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށެވެ. އަދި މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ 70 ޕަސެންޓް ވެސް ވަނީ ނިމިފަވާކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން، 32,821 އަކަ މީޓަރުގެ ދުއްވާ ސަރަހައްދު ހެދުމާއި، 11,736 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމަށް ހަމަޖެހިފައިވެއެވެ. އަދި 16,950 މީޓަރުގެ ކަރބްސްޓޯން ޖެހުމާއި، އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމާއި، މަގުމަތީ ސައިން ބޯޑު ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި މަސަކަތުގެ އަމަލީ މަސައްކަތް ނިމޭ އިރު ހޯރަފުށީ މަގުތަކުގައި މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، 2,568 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރުމަށްވަނި ހަމަޖެހިފައެވެ. އަދި ހޯރަފުށީ ބަނދަރު މަގުގެ ވޭރިއޭޝަން މަސައްކަތްތައްވެސް ހިމެނެއެވެ. މި މަޝްރޫއަކީ 73.83 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.