ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ މަޖިލިސް މެންބަރުންނާއި އެހެން އާންމުންނަށް ރިޝްވަތު ދެއްވަމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ރައީސް އިބްރާހިިމް މުހައްމަދު ސޯލިހު ތިޔަ ގެންދަވަނީ ލަދެއް ނެތި، ބިރެއް ނެތި، ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން މަޖިލިސް މެންބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތު ދެއްވަމުން" ކަމަށެވެ.

"ތިޔަކަމުން ވާނެ މޮޅެއް ނޯންނާނެ. ވާނީ މަނިކުފާނު ފަލީހަތް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެގޮތަށް ވިދާޅުވެފައި މިވަނީ އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފައްދާފައިވާ ޕާޓީ، ދަ ޑިމޮކްރެޓްސްއަށް އެމްޑީޕީން ގުޅިވަޑައިގެންނެވި ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) އެނބުރި އެމްޑީޕީއާ އަލުން އިއްޔެ ގުޅިވަޑައިގެންފައިވާތީއެވެ.

އެ ޓްވީޓަށް ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓުން ވެސް ވަނީ އެކަމާ ގުޅޭ ގޮތުން ކޮމެންޓެއް ލިޔުއްވައިފައެވެ. އޭގައި ވިދާޅުވީ ރައީސް ސޯލިހުގެ ރިޝްވަތުގެ ކުށްތައް ވަރަށް ގިނަ ވެއްޖެ ކަމަށާއި އެކަން ކަމާ ގުޅޭ ހެއްކާއި ގަރީނާ ނެތް ކަމަށް ނުބެއްލެވުމަށެވެ.

"ޝިޔާން އަލީ ކުރީގެ ތޮއްދޫ ދާއިރާގެ އެމްޕީއަށް ވުރެ ކުޅަދާނަ ކުއްޖެއް،" ނަޝީދު ވިދާޅުވިއެވެ.

ގިޓާ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވުމުން އިދިކޮޅު ފަރާތްތައް، ހާއްސަކޮށް ޑިމޮކޮރެޓްސްއަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ ސަރުކާރަށާއި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން ގިޓާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ ބޮޑު އަދަދެއްގެ ފައިސާ ހުށަހެޅުމުން ކަމަށެވެ.

ނަޝީދަށް ވަރަށް ބޮޑަަށް ތާއީދު ކުރައްވާ އެ މަނިކުފާނުގެ އެންމެ ވަފާތެރި މެންބަރުންގެ ތެރޭގައި ހިމެނޭ ޝިޔާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި، ދަ ޑިމޮކްރެޓްސްއަށް ސޮއިކުރި އެމްޑީޕީގެ 13 މެންބަރުންގެ ތެރޭގައި ހިމެނޭ މެންބަރެކެވެ.

އެމްޑީޕީން ވަކިވުމަށްފަހު ޝިޔާން ގެންދެވީ ރައީސް ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި ރައީސް ސޯލިހު ނޫން ގޮތެއް ހޯދަންޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޝިޔާން ރޭ އެމްޑީޕީއާ ގުޅިވަޑައިގެންނެވި އިރު، މަޖިލީހުގެ ކުޅުދުއްފުށީގެ ދާއިރާގެ މެމްބަރު ޔާސިރު ލަތީފުވެސް ވަނީ ދަ ޑިމޮކްރެޓްސް ދޫކުރައްވައި އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.