މަޑަގަސްކަރާގައި މާދަމާ ފަށާ، މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ފަށާއިރު، އެންމެ ފަހުން 2019ވަނަ އަހަރު މޮރިޝަސްގައި ބޭއްވި ގޭމްސްގައި ބެޑްމިންޓަނުން ވަނީ ޖުމްލަ ފަސް މެޑަލް ރާއްޖެ އަށް ހޯދައިދީފަ އެވެ.

އެގޮތުން، އެ ފަހަރުގެ ގޭމްސްގެ އަންހެން ސިންގަލްސް އިވެންޓުން ރާއްޖޭގެ އައިމިނަތު ނަބީހާ ވަނީ ރަން މެޑަލް ހޯދާފަ އެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތަކުން ބެޑްމިންޓަނުން ރާއްޖެއަށް ލިބުނު ފުރަތަމަ ރަން މެޑެއްޔެވެ. އެ މުބާރާތުގައި ނަބީހާ ރަން މެޑަލް ހޯދީ ފައިނަލް މެޗުގައި ސީޝެލްސްގެ ކަމީލޭ އެލިސެން އަތުން 2-0ސެޓުން މޮޅުވެގެންނެވެ. އެ މެޗުގެ ސެޓުތައް ނަބީހާ ގެންދިޔައީ 21-14އަދި 21-10އިންނެވެ.

އަދި އެ ފަހަރުގެ މުބާރާތުގެ އަންހެނުންގެ ޑަބަލްސް އިވެންޓުން ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާ ވަނީ ރިހި މެޑަލް ހޯދާފައެވެ. އެ ޕެއާއަށް ރިހި މެޑަލް ލިބުނީ ފައިނަލް މެޗުގައި މޮރިޝަސްގެ އޯރެލީ އަލެޓް އާއި ކޮބިޓާ ޑޫޚީގެ ޕެއާއާ ވާދަކޮށް ބަލިވުމުންނެވެ. އެ މެޗު ނިމުނީ 2-0ސެޓުންނެވެ. މުޅި މެޗުގައިވެސް ރާއްޖޭގެ ޕެއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ފުރަތަމަ ސެޓު މޮރިޝަސްގެ ޕެއާއިން ގެންދިޔައީ 21-18އިންނެވެ. އަދި ދެވަނަ ސެޓު ވަރަށް ވާދަވެރިކޮށް ފެނިގެންދިޔައިރު، މި ސެޓު މޮރިޝަސްގެ ޕެއާއަށް ކާމިޔާބުކުރެވުނީ 23-21އިންނެވެ.

އެ ފަހަރުގެ އައިއޯއައިޖީގެ މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ މުޙައްމަދު އަޖުފާން ރަޝީދާއި މައިސާ ފަތުހުﷲ ގެ ޕެއާ ވަނީ ލޯ މެޑަލް ހޯދާފައެވެ. މިކްސް ޑަބަލްސްގެ ސެމީ ފައިނަލުގައި އަޖުފާނާއި މައިސާގެ ޕެއާ ބަލިވީ މޮރިޝަސްގެ އެއްވަނަ ޕެއާ އަތުން 2-1ސެޓުންނެވެ. މީގެ އިތުރުން އެ އަހަރު ޓީމު އިވެންޓުން ރާއްޖޭގެ އަންހެން ޓީމާއި ފިރިހެން ޓީމުވެސް ވަނީ ލޯ މެޑަލް ހޯދާފައެވެ.

މި ކާމިޔާބީތަކާއެކު އެ އަހަރުގެ ގޭމްސްގައި ބެޑްމިންޓަން ވިދާލިއިރު، މި އަހަރު ބާއްވާ ގޭމްސްގައިވެސް ބެޑްމިންޓަނަށް ކުރެވޭ އުއްމީދު ބޮޑެވެ.. ސަބަބަކީ މި ފަހުން ބޭއްވި ބައިނަލްއަގުވާމީ މުބާރާތްތަކުން ގައުމީ ޓީމުގެ ކުޅުންތެރިން ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވުމެވެ.

  • ނޯޓު: މި އާޓިކަލްއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދާ ދިވެހި އެތުލީޓުންނާއި ޓީމުތައް ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ ހާއްސަ މަސައްކަތުގެ ދަށުން، އެމްއޯސީ މީޑިއާ ޓީމުން ތައްޔާރުކޮށްފައިވާ އާޓިކަލްއެކެވެ.