މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގެ ޤައުމީ ބެޑްމިންޓަން ޓީމުން އެކުގައި މެދުނުކެނޑި ތަމްރީނު ހޯދަމުންދަނީ ދެކުނު ކޮރެއާގެ ތަޖުރިބާ ބޮޑު ކޯޗެއްގެ އެހީގައެވެ. ހުރިހާ ކުޅުންތެރިންނާއި އެސޯސިއޭޝަނުންވެސް އިއްތިފާޤުވި ކަމަކީ އެއީ މޮޅު ކޯޗެއް ކަމެވެ. ކޯޗާ އެކު ހުރިހާ ގޮތަކުންވެސް ޓީމަށް ކުރިއެރުން އައިސްފި ކަން ހުރިހާ ކުޅުންތެރިންވެސް ފާހަގަކުރިއެވެ.

ވަކިވަކި ކުޅުންތެރިންގެ ހާލަތު ދެނެގަނެ، ސީދާ އެކަން ކަމަށް އަމާޒުކޮށް މަސައްކަތްތަކެއް ކުރިއެވެ. ކުޅުންތެރިން ފާހަގަކުރި ގޮތުގައި މިއީ މިހާތަނަށް ރާއްޖޭގައި އެކުޅުންތެރިން މަސައްކަތްކުރާ އެންމެ މޮޅު ތަފާތު ކޯޗެވެ. އެ ތަފާތު، ހުކުރު ދުވަހު މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ފެންނާނެކަމުގެ ޔަޤީންކަން

ކުޅުންތެރިން ދެއެވެ.

ރަނގަޅު މޮޅު ކޯޗަކާ އެކު މަސައްކަތްކުރަން ފުރުޞަތު ލިބި، ކުރިއެރުންތަކެއް ހޯދުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ޔަޤީންކަމެކެވެ. ހަމަ އެއާއެކު މިދިޔަ ހަތަރު އަހަރު ވަކިން ޚާއްޞަކޮށް މިދިޔަ އަހަރާއި މިއަހަރު ރާއްޖޭގެ ކުޅުންތެރިންނަށް ލިބުނު ފުރުޞަތުތަކަކީ މެޑައްޔަށް އޮތް ޔަޤީންކަން ބޮޑުކޮށްދޭ ސަބަބުތަކެވެ.

ބެޑްމިންޓަން ވެގެންދަނީ އެންމެގިނަ އެކި ލެވެލްގެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުޞަތު ލިބުނު ކުޅިވަރަށެވެ. ރާއްޖޭގެ ޤައުމީ ބެޑްމިންޓަން ޓީމްގެ ކުޅުންތެރިން ވަނީ ރައްޖެއާއި ބޭރުގައި އިންޓަނޭޝަނަލް އެކި ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށް ކުރިއެރުންތައް ހޯދާފައެވެ.

އައިއޯއައިޖިއަށް ދާނީ ތަފާތު ކުޅުންތެރިންނާ ދެކޮޅަށް ކުޅުމުގެ ތަޖުރިބާއާއެކު އެވެ. އެންމެފަހުން ގޭމްސްއަށް ފުރަނީވެސް މޯލްޑިވްސް އިންޓަނޭޝަނަލް ސީރީޒްގައި ވާދަކޮށްފައެވެ. މިމަހު 15-20އަށް ރާއްޖޭގައި އޮތް މުބާރާތުގެ ކްއާޓާ ފައިނަލުންފާތިމަތު ނަބާހާ (ނަބާ)އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއަރ ޖާގަ ހޯދިއެވެ. އެހެން ކުޅުންތެރިންވެސް މުބާރާތުގައި

ވާދަކޮށް އައިއޯއައިޖީއަށް ތައްޔާރުވެއްޖެ އެވެ.

.

ހަމައެކަނި މިދިޔަ ދެ އަހަރެއްހާ ދުވަހު ރާއްޖޭގެ ކުޅުންތެރިން ވާދަކުރި މުބާރާތްތަކަށް ބަލާއިރުވެސް ގިނަ ފުރުޞަތުތަކެއް ހޯދައިފިއެވެ. ރާއްޖޭގައި އޮތް ލިނިންގ އިންޓަރނޭޝަނަލް ބެޑްމިންޓަން ޗެލެންޖްގައި އޭޝިޔާގެ މޮޅު ކުޅުންތެރިންނާ ވާދަކުރި އެވެ.

ޔޫގެންޑާ އިންޓަރނޭޝަނަލް ޗެލެންޖްގައި ރާއްޖޭގެ އަށް ކުޅުންތެރިން ވާދަކުރިއެވެ. އެއީ އަންހެން ހަތަރު ކުޅުންތެރިން އަދި ފިރިހެން ހަތަރު ކުޅުންތެރިންނެވެ. ބަހުރޭނުގައި އޮތް އިންޓަނޭޝަނަލް ސީރީޒްއެއްގައިވެސް ރާއްޖޭގެ ކުޅުންތެރިން ވާދަކުރިއެވެ. މަހާރާޝްތުރަ އިންޓަރނޭޝަނަލް ޗެލެންޖްގައި ވާދަކޮށް ހުސައިން ޒަޔާން ޝަހީދު ޒަކީ އާއި ނަބާ ގަދަ 16އިން ޖާގަ ހޯދިއެވެ. މިއަހަރުގެ ޖުލައި މަހު އޮތް މޮރިޝަސް ޗެލެންޖްގެ ކުއާޓާ ފައިނަލުން މުހައްމަދު އަޖުފާން އާއި ނިބާލް އަހުމަދުގެ ޕެއާ ޖާގަ ހޯދިއެވެ. އަދި ނަބީ އާއި ނަބާގެ ޕެއާ ވެސް އެމުބާރާތުގެ ކްއާޓާ ފައިނަލުން ޖާގަ ހޯދިއެވެ.

މިދިޔަ އަހަރު އޮތް ކޮމަންވެލްތު ގޭމްސްގެ ކްއާޓާ ފައިނަލުން ވެސް ރާއްޖޭގެ ކުޅުންތެރިން ޖާގަ ހޯދިއެވެ. ވިއެޓްނާމްގައި އޮތް ފެލެޓް އިންޓަނޭޝަނަލް ސީރިޒްގެ ކުއާޓާ ފައިނަލުން ނަބީއާއި ނަބާގެ ޕެއާ ޖާގަ ހޯދިއެވެ. ބެޑްމިންޓަން އޭޝިއާ މުބާރާތުގައިވެސް ރާއްޖޭގެ ކުޅުންތެރިން ވާދަކުރިއެވެ. ރާއްޖޭގެ ޒަޔާން ވަނީ ކޮލިފައިންގައި ދެ މެޗުން މޮޅުވެ ގަދަ 32

ކުޅުންތެރިންގެ ތެރެއިންވެސް ޖާގަ ހޯދާފައެވެ.

ގައުމީ ޗެމްޕިއަން ޒަޔާން ބުނީ އެއީ ރާއްޖެއިން ބޭރުގައި ހޯދި ތަމްރީނުތަކުގެ ނަތީޖާ ކަމަށެވެ. ވަރލްޑް ރޭންކޮންގައިވެސް ލިބުނު ކުރިއެރުންތަކާއެކު ޒަޔާން ހުރީ ވަރަށް ބޮޑު އިތުބާރެއްގައެވެ. އެއީ މިދިޔަ ހަތަރު އަހަރު މެދުނުކެނޑި ކުރަމުން އައި މަސައްކަތުގެ ރަން ވަނަ ހޯދުމަށެވެ.

.

ނަބާ ބުނީ އަރުތަ ޕްރޮގްރާމާ އެކު ލިބުނު ފުރުޞަތުތައްވެސް އިތުރުވި ކަމަށެވެ. އެހެންކަމުން ގޭމްސްއަށް ދަނީ ތަފާތު ފުރުޞަތުތައް ލިބި, ތަފާތު ސްޓައިލްގެ ގިނަ ކުޅުންތެރިންނާ އެކި މުބާރާތްތަކުގައި ވާދަކޮށް ތަޖުރިބާ ހޯދައިގެން ކަމަށެވެ. ނަބީވެސް ބުނީ މިދިޔަ އަހަރުން ފެށިގެން ގިނަ މުބާރާތްތަކެއްގައި ވާދަކޮށް ތަޖުރިބާތަކާއެކު ބޮޑަތި ކުރިއެރުންތަކެއްވެސް ލިބިއްޖެ ކަމަށެވެ.

މިދިޔަ އަހަރުގެ ޤައުމީ ޗެމްޕިއަން ނިބާލް ބުނީ ޓީމް އެކުގައި ތަމްރީނު ހޯދާތާ ހައެއްކަ މަސްވެ، އިންޓަރނޭޝަނަލް އަށްވަރަކަށް މުބާރާތްވެސް ކުޅެވިފައި ވުމުން ބޮޑު އިތުބާރެއް އެބައޮތް ކަމަށެވެ. ޚާއްޞަކޮށް ވާދަކުރި ބައެއް މުބާރާތްތަކުގައި އައިއޯއައިޖީގައި ވާދަކުރާ ކުޅުންތެރިންނާ ދެކޮޅަށްވެސް ކުޅެ، މޮޅުވެވިފައި ހުރުމުން އިތުބާރު ބޮޑު ކަމަށެވެ. ރާއްޖޭގެ ކުޅުންތެރިން ވަނީ ރޭންކިންގައިވެސް ކުރިއެރުންތައް ހޯދާފައެވެ. ޒަޔާންއާއި ނަބާގެ ޕެއަރ އޮތީ ދުނިޔޭގެ ރޭންކިންގެ ގަދަ 100ގެ ތެރޭގައެވެ. ރާއްޖޭގެ އެއްވަނަ ޑަބަލްސް ނަބާއާއި ނަބީގެ ޕެއަރ ވެސް އޮތީ ގަދަ 100ގެ ތެރޭގަ އެވެ.

.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ މިފަހަރު އަންހެން އަދި ފިރިހެން ޓީމް އިވެންޓަށް ކުރެވޭ އުއްމިދުވެސް ބޮޑު ކަމަށެވެ. މީގެއިތުރުން އިންޑިވިޖުއަލް އިވެންޓްތަކުންވެސް ރާއްޖޭގެ ކުޅުންތެރިން ރަން ވަނަތައް ހޯދާނެކަމަށް މޫސަ ޔަޤީން ކުރެއެވެ. ބޭރުގެ މުބާރާތްތަކުގައި ވާދަކޮށް ކުޅުންތެރިން ހޯދި ތަޖުރިބާގެ ފައިދާ ގޭމްސްގައި ކުރާނެކަންވެސް ފާހަގަކުރިއެވެ. ބެޑްމިންޓަންއަކީ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ދިގު ތާރީޚެއް އޮތް ކުޅިވަރެކެވެ. 1979ވަނަ އަހަރު ފުރަތަމަ ރާއްޖެއިން ވާދަކުރި އިތު ރިހި އަދި ލޯ މެޑައްޔެ ހޯދިއެވެ.

  • ނޯޓު: މި އާޓިކަލްއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދާ ދިވެހި އެތުލީޓުންނާއި ޓީމުތައް ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ ހާއްސަ މަސައްކަތުގެ ދަށުން، އެމްއޯސީ މީޑިއާ ޓީމުން ތައްޔާރުކޮށްފައިވާ އާޓިކަލްއެކެވެ.