ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް، ގދ. ތިނަދޫ، ގާކުރެލި، އިބްރާހީމް ރަޝީދުގެ މައްޗަށް ޑައިމޯފިނުން މުއާމަލާތުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ 15 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ޕްރޮސިކިއުޓާޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް ވަން އޮންލައިންއަށް ވިދާޅުވީ، މި މައްސަލައިގެ ތުހުމަތުގައި އިބްރާހީމް ރަޝީދު ހައްޔަރުކުރިއިރު އޭނާ ހުރީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަގާމުގައި ކަމަށެވެ.
އިބްރާހީމް ރަޝީދުގެ މައްޗަށް މި ދައުވާ ކޮށްފައިވަނީ 28 މޭ 2016 ދުވަހު އޭނާ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގދ. ތިނަދޫ ގޯލްޑްސްމިތް ދެކުނުގައި ހުންނަ ކަންމައްޗަށް ފުލުހުން ދިޔައިރު، އެގޭ ކުރިމަތީގައި ހުރި ވޭވް ސައިކަލަކާ ދިމާލަށް އޭނާ ދަނިކޮށް ފުލުހުން އޭނާ ހުއްޓުވި ވަގުތު، އޭނާގެ ވައަތުން ނަގައި އެއްލާލި ރަބަރު ޕެކެޓުގައި ޑައިމޯފިން ހުރިކަމަށް އޭގެ ތަހްލީލް ރިޕޯޓުން ދެއްކުމާ ގުޅިގެންނެވެ.
މި މައްސަލަ ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށުގެ އުގޫބާތެއްގެ ގޮތުން އިބްރާހީމް ރަޝީދު 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 25000 ރުފިޔާއިން ޖޫރިމަނާކޮށް މިފައިސާ ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ.