ރާއްޖޭގެ ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކާމިޔާބީތައް ހުއްޓިފައި އޮތީ ލޯ މެޑެއްޔާ ހިސާބުގަ އެވެ. އެ ކާމިޔާބީ ތިން ފަހަރެއްގެ މަތިން ހޯދައިފި އެވެ. އެންމެ ފުރަތަމަ 2016ވަނަ އަހަރު ނޭޕާލްގައި އޮތް ސާބާ މުބާރާތުގަ އެވެ. އޭގެ ފަހުން، 2019ވަނަ އަހަރު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސްގަ އެވެ.
އެންމެ ފަހުން، މިދިޔަ އަހަރު ރާއްޖޭގައި އޮތް ސާބާ ޗެމްޕިއަންޝިޕްގައެވެ.
ރާއްޖޭގައި އޮތް ހަތަރު ގައުމު ވާދަކުރި މުބާރާތުގައި ލޯ މެޑަލް ފަހަނަ އަޅައި ދެވޭނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރެވުނެވެ. ލޯ މެޑެއްޔާ ހަމައިން ނިންމާލަން ޖެހުނަސް ބޮޑަތި ކުރިއެރުންތަކެއް އެ މުބާރާތުން ފެނުނެވެ.
އެ ކުރިއެރުންތަކުގެ އަލީގައި މުޅި ޓީމު މިހާރު އޮތީ ރަން މެޑެލް ހޯދުމުގެ އަޒުމުގަ އެވެ. ޓީމު އޮތީ އެކަމަށް ފައްކާވެފަ އެވެ. މިދިޔަ އަހަރު ފަހުކޮޅު އޮތް ސާބާ ޗެމްޕިއަންޝިޕަށް ފަހު ގައުމީ ޓީމުގެ ފޯކަސް އޮތީ ފުރަތަމަ ފަހަރަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާށެވެ. އެ ގޭމްސްގެ ފެށުން ރަން މެޑެއްޔަކުން ފަށަން ޓީމްގެ ރޫހު ރަނގަޅެވެ.
އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު ގުރެއިޝް އަފްރާހު (ގުރޭ) ގަބޫލުކުރަނީ ގްރޫޕްގެ އެއް ވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ދަތުރުކުރެވޭނެ ކަމަށެވެ. އެއީ ރީޔޫނިއަން އާއި, ޝީޝެލްސް ފަހަތަށް ޖައްސާލުމަށްފަހު އެވެ. ޓީމުގެ ކުޅުންތެރިންގެ ވިސްނުން ހުރީ ރަން މެޑެއްޔަށެވެ. އެކަމަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ އިންޑިއާގައި ހޯދި ތަމްރީނުތަކެވެ. ސީދާ ގޭމްސް އަށް އަމާޒުކޮށް އިންޑިއާގައި ހޯދި ތަމްރީނުތަކުގެ ތެރެއިން ވާދަވެރި މެޗުތަކެއް ކުޅުނެވެ. އޭގެތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗުން ބަލިވިޔަސް ނަތީޖާ ދިޔައީ ކައިރިންނެވެ. އިދިކޮޅުން ކުޅުނީ އައިއޯއައިޖީގައި ކުޅޭ ގައުމުތަކުގައި ހިމެނޭފަދަ ވަރުގަދަ ކުޅުންތެރިންނެވެ. އެހެންކަމުން، އައިއޯއައިޖީއަށް ރަނގަޅަށް ތައްޔާރުވެފައި އޮތްކަމަށް ކުޅުންތެރިން ގަބޫލުކުރެއެވެ.
ފާތިމަތު ރިޝްމާ ފަދަ ތަޖުރިބާ ބޮޑު މަދު ކުޅުންތެރިންގެ ތެރެއަށް ޒުވާން ކުޅުންތެރިންތަކެއް ހިމަނައިގެން ޓީމް އޮތީ ރަނގަޅަށް ބައްޓަން ކޮށްފައެވެ. ސޯޅަ އަހަރުން ދަށާއި 18އަހަރުން ދަށުގެ ގައުމީ އަންހެން ޓީމް ކުޅުނު މެޗުތަކަށްވެސް ބަލައިގެން ރަނގަޅު ޓީމެއް އެކުލަވައިލައިފަ އެވެ.
"އަބަދުވެސް އަންހެން ޓީމް މަސައްކަތްކުރާނީ އެއް މުބާރާތަށްފަހު އަނެއް މުބާރާތަކުން ރަނގަޅު ކާމިޔާބީއެއް ހޯދަން, ބައިވަރު ކަންތައްތަކެއް ރަނގަޅުކޮށްގެން. އަލަށް ދާ ގޭމްސްއަކަށް ވިޔަސް އަމާޒަކީ ގްރޫޕްގެ އެއްވަނައިގައި ސެމީއަށް ދިއުން. 2019ގައި ޓީމްތަކުން ކުޅުނު މެޗުތައްވެސް ބަލަމުން މިދަނީ. ލިބިފަހުރި މައުލޫމާތުތަކަށް ބޭސްކޮށް ރަނގަޅު ނަތީޖާއަކަށް އުއްމީދުކުރަން. "ޓީމުގެ ކޯޗު ގުރޭ ބުންޏެވެ.
ގުރޭ ގަބޫލުކުރާ ގޮތުގައި މިހާރު ރާއްޖޭގެ ގައުމީ އަންހެން ޓީމް އޮތީ މި ސަރަހައްދު ނޫނީ މިއަށްވުރެ ރަނގަޅު ލެވެލަކަށް ދެވޭ ހިސާބުގަ އެވެ. މަސައްކަތް ކުރަނީވެސް އެ މިސްރާބަށެވެ. އެމަގަށް ކުރާ މަސައްކަތުގައި ވެސް މި މަހު 25ވަނަ ދުވަހު މަޑަގަސްކަރައިގައި ފަށާ އައިއޯއައިޖީ އަކީ ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމަށް މުހިއްމު މުބާރާތެކެވެ.
ވޭތުވެދިޔަ މުބާރާތްތަކުގައި ރާއްޖޭގެ ޓީމަށް އިރުޝާދު ދީ, ޓީމު ޓީމެއްގެ ގޮތުގައި އެކުލަވައިލީ ސްރީ ލަންކާގެ ތަޖުރިބާކާރު ކޯޗު ސުޕުން ވިމާލް އެވެ. އެކަމަކު މިހާރު އޭނާއެއް ނެތެވެ. މިފަހަރު ޓީމް ގޮވައިގެން ރަން މެޑަލް ހޯދުމުގެ އަޒުމުގައި ދަތުރުކުރާނީ ސުޕުންގެ އެހީތެރިކަން ލިބުނު ޒުވާން ދިވެހި ކޯޗުންނެވެ. ހާއްސަކޮށް ސުޕުންއާ ގާތުން މަސައްކަތްކުރި ކޯޗު ގުރޭ އެވެ.
- ނޯޓު: މި އާޓިކަލްއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދާ ދިވެހި އެތުލީޓުންނާއި ޓީމުތައް ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ ހާއްސަ މަސައްކަތުގެ ދަށުން، އެމްއޯސީ މީޑިއާ ޓީމުން ތައްޔާރުކޮށްފައިވާ އާޓިކަލްއެކެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް