ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) 2023ގެ އޮފިޝަލް ކޯޗިން ޕާޓްނަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިރާގުން މިއަދު ބުނީ، މާދަމާއިން ފެށިގެން ރޯޑްރޭހުގެ ރަޖިސްޓްރޭޝަނަށް ހުޅުވާލާނެ ކަމަށާއި ދުވަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 30 ވާ ބުދަ ދުވަހުގެ 23:59 ގެ ނިޔަލަށް ނުވަތަ 4000 ބައިވެރިންގެ ލިމިޓް ހަމަވަންދެން އެ އިވެންޓުގައި ބައިވެރިވުމަށް ރަޖިސްޓާ ކުރެވޭނެ ކަމަށެވެ.
ދިރާގު ރޯޑްރޭހުގެ ކޯޗިން ޕާޓްނަރުންނަށްވުމަަށް ޝައުގުވެރިވާ ޓްރެއިނަރުންނަށް މިހާރު އެ ފަރާތްތަކުގެ ކޯޗިން އޮފާތަކުގެ ތަފްސީލު ހިމެނޭ އީމެއިލްއެއް [email protected] އަށް ފޮނުވައިގެން އެޕްލައި ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ. އެކަމަށް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 29 ވާ އަންގާރަ ދުވަހުގެ 23:59 އެވެ.
"މިއީ ތަޖުރިބާކާރު އަދި އާ ދުވުންތެރިންނަށްވެސް ސެޓިފައިޑް ޓްރެއިނަރުންގެ ކައިރިން ހިލޭ ކޯޗިން ހޯދައި، ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ދުރާލާ ތައްޔާރުވުމަށް ލިބޭ ރަނުގެ ފުރުސަތެއް. މީގެ އިތުރުން މިއީ ކޯޗުންނަށްވެސް އެ ފަރާތްތަކުގެ އޮފާތައް ޑީއެމްއާރުއާރު ޕްލެޓްފޯމް މެދުވެރިކޮށް ޕްރޮމޯޓްކުރުމަށާއި ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުވުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް،" ދިރާގުގެ މެނޭޖާ ބްރޭންޑް އެންޑް އިވެންޓްސް ނާޔާ ޝަރީފް ވިދާޅުވިއެވެ.
ދިރާގު ރޯޑްރޭހަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި މުޖުތަމައުތައް އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. މީގެ އިތުރުން މިއީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ވެސް ލިސްޓުކޮށްފައިވާ ދުވުމެކެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސްއަށް ރަޖިސްޓާ ކުރުމަށާއި، އެ އިވެންޓާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ދިރާގުގެ އޮންލައިން ޕޯޓަލަށް ވަނުމަށް އެ ކުންފުނިން އެދެއެވެ. ދިރާގުން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" ދުވުމުގެ ބައިވެރިންނަށް ތަމްރީނުވުން މިހާރަށްވުރެ ފަސޭހަކޮށް، އާންމުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމުގެ ގޮތުން ޑީއެމްއާރުއާރުގެ އޮފިޝަލް ކޯޗިން ޕާޓްނަރުން ހޮވަމުންނެވެ.
ދިރާގުން ބާއްވާ ދުވުމުގެ ރޭހަކީ ރާއްޖޭގައި ބާއްވާ ދުވުމުގެ ރޭސްތަކުގެ ތެރެއިން އެންމެ ފޯރިގަދަ ރޭހެވެ. އަދި މިއަހަރުގެ ދުވުމުގެ ރޭސް ފޯރިގަދަކުރުމަށް ދިރާގުން ވަނީ ފައިސާގެ އިނާމުތަކަށްވެސް ބައެއް ބަދަލުތައް ގެނެސްފައެވެ.
ޑީއެމްއާރުއާރުގެ 14 ވަނަ އެޑިޝަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 27 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 3:30 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކް ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު