• ރ. މަޑުއްވަރީން އަލީ އަފާފު ރަމީޒު

އަނިޔާވެރި ގޮތަކަށް މަރާލި، ރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި އިންސާފު ނުލިބި ލަސްވާތީވެ، އިހުތިޖާޖު ކުރި ޒުވާނުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލުކުރައްވައި އެ ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފިއެވެ.

ރައީސް މިއަދު މީދުއަށް ވަޑައިގެންނެވި ވަގުތާ ދިމާކޮށް އެރަށުގެ ޒުވާނުންތަކެއް ވަނީ އަނަސްއަށް އިންސާފު ނުލިބި ލަސްވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުކޮށްފައެވެ.

އެމީހުން އިހުތިޖާޖު ކުރަން ތިބީ އަނަސްއަށް އިންސާފު ލިބުން ލަސްވާތީ އެކަމުގެ ޝުއޫރުތައް ފާޅުކޮށްފައިވާ ބޯޑުތަކެއް ހިފައިގެންނެވެ. އެ ބޯޑުތަކުގައި "އަނަސްގެ ގާތިލުން މިނިވަންކަން މަތީގައި، އާއިލާ ފުން ހިތާމައެއްގައި،" އާއި "އަނަސްއަށް އިންސާފު ނުލިބޭތާ ހަތް އަހަރު،" އަދި "ޓީޝާޓް ކުށްވެރިކުރި ގޮތަށް މި ސަރުކާރުން މައްސަލަ ހިންދާލީތޯ؟،" ލިޔެފައިވެއެވެ.

އެ ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއެއްސެއްވުމަށް ރައީސް މިއަދު ވަނީ މަޑުއްވަރީ ދަތުރު ކުޑަކޮށް ފަސްކޮށްލެއްވުމަށްފަހު އެ ޒުވާނުންނާ ބައްދަލުކުރައްވައިފައެވެ.

"މިއަދުވެސް މީދޫގެ ޒުވާނުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އަނަސްއަށް އިންސާފު ހޯދުމުގެ މައްސަލަ މި ރަށަށް ވަޑައިގަތުން ފަސްކޮށްލާފައި އެ އަޑުއެއްސެވުމަށް ވަގުތު ހޭދަކުރެއްވި ކަމަށްޓަކައި ރައީސްއަށް އަޅުގަނޑާއި ދާއިރާގެ ޒުވާނުންގެ ނަމުގައި ޝުކުރު ދަންނަވަން،" މި ރަށުގައި މިއަދު ބޭއްވި ރައީސްގެ ކެމްޕެއިން ޖަލްސާގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވިއެވެ.

އޭނާވެސް އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރައްވައެވެ.

ޖުލައި 31، 2017ގެ ރޭ 9:15 އެހާކަންހާއިރު، ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ވަޅިން ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އެއީ ދަފްތަރު ނަމްބަރު 1746، ސިމާހު މޫސާ އާއި ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ، ގުލްފާމުގެ، މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގެ، ޖުނައިހު އަބްދުﷲ އާއި ޅ. ކުރެންދޫ އަސުރުމާގެ، އަހުމަދު ޒަޔާނުގެ އިތުރުން ގ. ލޮނުމިދިލިގެ، އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު، އުސްމާން ޝަރީފެވެ.

އޭގެ އިތުރުން ޖުވެނައިލް ކޯޓުގައި ކުޑަކުއްޖެއްގެ މައްޗަށްވެސް ދައުވާ އުފުލިއެވެ. އެ ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުނުވުމުން ދައުލަތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވަނީ އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވެ، 18 އަަހަރަށް ޖަލަށް ލައިފައެވެ.

އެ މައްސަލަ އަދިވެސް ކުރިމިނަލް ކޯޓުގައި ކުރިއަށްދާ އިރު، އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމެވެ.