ވ. އާރަށް ޓޫރިޒަމަށް ދޫކުރުމުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށުގައި 11 އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު އަޑުއެހުން ކެންސަލް ކޮށްފިއެވެ.
މި މައްސަލައިގެ އަޑުއެހުން ބާއްވަން ހައިކޯޓުގައި ތާވަލް ކޮށްފައި އޮތީ، މިއަދު 2:00 އަށެވެ.
ހައިކޯޓުގެ މީޑިއާ އޮފިޝަލް މީގެ އިރުކޮޅެއް ކުރިން ވަން އޮންލައިނަށް ވިދާޅުވިގޮތުގައި، މިއަދު މެންދުރު ފަހު ދޭއް ޖަހާއިރު ބޭއްވުމަށް ތާވަލުކުރި، ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރައްވާފައިވާ މައްސަލައިގެ އަޑު އެހުން މިހާރު ވަނީ ކެންސަލް ކޮށްފައެވެ. އަޑުއެހުން ކެންސަލް ކުރީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އެދިވަޑައިގަތުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ރައީސް ޔާމީންގެ ޝަރިއަތް ކެންސަލް ކުރަން އެދުނީ، އެ މައްސަލައިގައި ހިމެނޭ ދައުލަތުގެ ބައެއް ވަކީލުން ބަލިވެ އުޅޭތީ ކަމަށެވެ.
އާރަށު މައްސަލައިގައި މިހާރު ހައިކޯޓުގައި ކުރިއަށްދަނީ، ރައީސް ޔާމީންގެ ފަރާތުން ހުށަހަޅަން ޖެހޭ ދިފާއީ ހުށަހެޅުންތައް ހުށަހެޅުމެވެ.