ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓު ލިބުނު މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް ޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް ޕްލޭނިން މިނިސްޓްރީން އާއްމުކުރީ މި މަހުގެ 8 ވަނަ ދުވަހުއެވެ.
"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓަށް 20،697 މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ޝަތުރު ހަމަވަނީ 13،763 މީހުންނެވެ. އެއީ ދެ ކޮޓަރީގެ ފްލެޓް ލިބޭ 3،903 މީހުންނާއި ތިން ކޮޓަރީގެ ފްލެޓް ލިބޭ 9،860 މީހުންނެވެ.
ވަގުތީ ލިސްޓު އާއްމުކޮށް ޝަކުވާއަށް ހުޅުވައިލީ 15 ދުވަހަށެވެ. އެ މުއްދަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފައެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ވަން" އަށް މިއަދު ވިދާޅުވީ، ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރު ހަތް ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މުއްދަތު އިތުރު ކުރި ސަބަބެއް އޭނާ ވިދާޅެއް ނުވެއެވެ. އަދި މިހާތަނަށް ލިބިފައިވާ ޝަކުވާގެ އަދަދެއްވެސް ވިދާޅެއް ނުވެއެވެ.
ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު ނެރޭނީ ވަގުތީ ލިސްޓަށް ލިބޭ ޝަކުވާތައް ބެލުމަށް ފަހުގައެވެ.
"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ދޭން ހުޅުމާލެ ފޭސް ދޭއްގައި 4,000 ފްލެޓް ހަދަމުން އަންނައިރު, އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ އާއި އެންބީސީސީއާއެވެ. ކޮންމެ ކުންފުންޏަކާވެސް ހަވާލުކޮށްފައި ވަނީ 2,000 ފްލެޓްގެ މަސައްކަތެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޝަރުތު ހަމަވި އެންމެންނަށް ފްލެޓް ދޭނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު