ވަޒީފާގެ މާހައުލުގައި ތުނބުޅި ބެހެއްޓޭނެ ގޮތް ހެދުމަށް ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބ. ކެންދުއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މަސައްކަތްތެރިން ބޭނުންވާ ވަރަށް ގިނަ ރައްކާތެރިކަމާއި ހައްގުތަކެއް އެބަހުރި ކަމަށާއި މަސައްކަތުގެ ދާއިރާގައި އުޅޭއިރު ހެދުން އެޅުމާ ބެހޭ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑު މި ދެންނެވީ ތުނބުޅި ގްރޫމްކޮށް ދިގުކުރުމާ ބެހޭގޮތުން އުފެދިގެން އުޅޭ ކުޑަ ހިޔާލުތަފާތުވުމެއް. އަޅުގަނޑަށް ވެސް ޔަގީން އޭގެ ހައްލެއް ހޯދޭނެ. މަސައްކަތްތެރިން ބޭނުންވާ ގޮތާއި އިންޑަސްޓްރީގައި ތިއްބެވި ވިޔަފާރިވެރިންނާ އެއް މޭޒެއްގެ ދޮށުގައި އަޅުގަނޑުމެން އެބަ ވާހަކަ ދެކެވޭ. މިހާރު އޮތީ ގާތްގަނޑަކަށް ނިމުމަކާ ހިސާބުގައި" ރައީސް ވިދާޅުވިއެވެ.

މަސައްކަތްތެރިންގެ ހައްގު ރައްކާތެރިކުރުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ ވައުދެއް ކަމަށާއި އެ ވައުދު ފުއްދުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ދެ ބިލެއް ހުށަހަޅާފައިކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ރިޔާސީ އިންތިހާބުގެ ދުވަސްވަރުކަމަށްވުމުން އެ ބިލުތައް ފާސްނުވާނެ ކަމަށް ފާހަގަކުރެއްވި ނަމަވެސް، އިންތިހާބަށްފަހު އެ ބިލުތައް މަޖިލީހުން ފާސްކުރާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ތުނބުޅި ނުބެހެއްޓުމުގެ ކަންބޮޑުވުން ޓީމްގެ ފަރާތުން ވަނީ މީގެ ކުރިން ރައީސްއާ ހިއްސާ ކުރައްވައިފައެވެ. އެކަމަށް އެދެވޭ ހައްލެއް ހޯދައިދެއްވާނެކަމަށް އެ ފަހަރު ރައީސް ވަނީ ވިދާޅުވެފައެވެ.