ބ. އަތޮޅުގައި އޮންނަ ހަނިފަރު ބަޔޮސްފިޔާ ރިޒާވާއި އަދި ހިމާޔަތްކުރެވޭ އެފަދަ އެހެން ސަރަހައްދުތަކުން ލިބޭ އާމްދަނީގެ ތެރެއިން ރަށު ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދަކުން ލިބޭ އާމްދަނީ އެ ކައުންސިލަކަށް ލިބޭ ގޮތަށް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ބ. މާޅޮހުގައި މިއަދު ބޭއްވި ރައީސްގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބަޔޮސްފިޔާ ރިޒާވުން ލިބޭ އާމްދަނީގެ ބައެއް މާޅޮހަށް އަދި ބ. އަތޮޅުގެ ރައްޔިތުންނަށް ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"އެ ބަދަލު ގެނައުމަށް ފުރަތަމަ ހިމާޔަތް ކުރެވޭ ސަރަހައްދުގެ ތެރެއިން ރަށު ކައުންސިލުގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ސަރަހައްދުތައް ހިމާޔަތްކުރާއިރު އެކަމަކުން އެކަށީގެންވާ ފައިދާ ލިބޭގޮތަށް އެކަން ކުުރަންޖެހޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި ހިމަޔާތްކޮށްފައިވާ ތަންތަނުން ރަނގަޅު ފައިދާ ލިބޭ ކަހަލަ ނިޒާމަކަށް ބަދަލުކޮށް އެރަށަކާއި، އެ އަތޮޅު އަދި މުޅި ރާއްޖެއަށް ވެސް އެކަމުގެ ފައިދާ ލިބޭނެ ގޮތަށް ހަމަޖައްސަދެއްވާނެ ކަމަށެވެ. އޭގެ އިތުރުން ޑައިވް ކުރުމާއި ސްނޯކްލް ކުރަން ހަނިފަރަށް ޒިއާރަތްކުރާ ފަތުރުވެރިންނާއި ދިވެހިންނަށް ތިބެވޭގޮތަށް މާޅޮހުގައި ސިޓީ ހޮޓަލެއް ހަދައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް މި ގެންދަނީ މި ރާއްޖެ ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ވެސް މި ރާއްޖޭގެ ރީތިކަން، މުއްސަނދިކަން ވާރުތަ ކުރެވޭނެ ގޮތަކަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ހަނިފަރު ސަރަހައްދު ހިމާޔަތްކޮށްފައި އޮންނަތާ 10 އަހަރުވެފައިވާ ކަމަށާއި ސަރުކާރުގެ މަޝްވަރާއާއެކު ހަނިފަރު އިތުރު ދިހަ އަހަރަށް ހިމާޔަތްކުރަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.