ޚަބަރު

މާޅޮހު ބަނދަރު މަރާމާތު ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ފާތިމަތު ލިޔުޝާ

ބ. މާޅޮހު ބަނދަރު މަރާމާތު ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އެރަށުގެ ބަނދަރު ހެދުމަށް ބޭނުންވާ ތަކެތި މަސައްކަތު ސައިޓަށް ގެންގޮސްފިއެވެ.

މި މަޝްރޫގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ، މަޝްރޫގެ އަމަލީ މަސައްކަތް ފެށުމަށް މިދިޔަ އާދީއްތަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ތަަކެތި ގެންގޮސްފައިވާ ކަމަށެވެ.

މި މަޝްރޫގެ ދަށުން މާޅޮހު ބަނދަރުގެ 7,512 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަލުން ފުންކުރުމަށް ހަމަޖެހިފައިވެއެވެ. އެރަށު ބަނދަރުގެ 36,527 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރ ބޭސިން ފުންކުރުމާއި، 882 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 370 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމަށްވަނީ ހަމަޖެހިފައެވެ. އަދި 266 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 100 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫގެ ދަށުން މާޅޮހުގައި 1475 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 69.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.