ރައްޔިތުންގެ މަޖިލީހުގައި ވަޒީރުން އިށީންނެވުމަށް ހާއްސަ ކޮށްފައިވާ ގޮނޑީގައި، ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުލް ގަފޫރު މޫސާ (ގަޕޯ) އިށީންނެވިކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާގެ ނަން އިއްވަވައި މަޖިލިސް ތަޅުން ދޫކުރައްވައި ނިކުންނެވުމަށް އަންގަވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށްފަހު، މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ގެންދެވޭނީ، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލައި، އިތުބާރު ނެތްކަމުގެ މައްސަލަތަކަށް ބަހުސްގެ ވަގުތު ކޮމިޓީން ކަނޑައެޅުމުން ކަމަށް މަޖިލިސް ރައީސް ވިދާޅުވުމުން، އެކަމާ ދެކޮޅު ހައްދަވައި ބައެއް މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވިއެވެ.
އެކަމާ ގުޅިގެން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އާއި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީގެ ނަން އިއްވަވައި ޖަލްސާއިން ނިކުންނަން ތަކުރާރުކޮށް އެންގެވުންވެސް އެ މެންބަރުން ޖަލްސާއިން ނުނިކުންނެވުމުން، އެ ބޭފުޅުން ނިކުންނަވަންދެން މަޖިލިސް ރައީސް 9:31 ގައި ޖަލްސާ މެދުކަނޑުއްވައިލެއްވިއެވެ.
އެއަށްފަހު 10:10 ޖަލްސާ އަލުން ފެއްޓެވި ނަމަވެސް ނަން އިއްވެވި ތިން މެންބަރުން ޖަލްސާގައި ތިއްބެވުމުން މަޖިލިސް ރައީސް ޖަލްސާ ކުރިއަކަށް ނުގެންދެވިއެވެ. ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ޖަލްސާ ކުރިއަށް ގެންދިއުމަށް އެ ތިން މެންބަރުން ހުރަސްއަޅުއްވާ ކަމަށާއި، އެހެން ނުހެއްދެވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އެ ތިން މެންބަރުން ގެންދަވަނީ ރައްޔިތުންގެ ހައްގުތަކަށް ހުރަސް އަޅުއްވަމުން ކަމަށް ވިދާޅުވެ އެކަން ނުރެއްވުމަށްވެސް ތަކުރާރުކޮށް މަޖިލިސް ރައީސް އިލްތިމާސް ކުރައްވަމުން ގެންދެވިއެވެ.
މަޖިލިސް ރައީސްގެ ވާހަކަފުޅުގެ ވަކި ހިސާބަކުން، މަޖިލީހުގައި ވަޒީރުންނަށް ހާއްސަކޮށްފައި ހުރި ގޮނޑިތަކުގައި ނީށީންދެވުމަށް މެންބަރު ގަޕޯއަށް މަޖިލިސް ރައީސް އަންގަވަން ފެއްޓެވިއެވެ. މެންބަރުން އެ ގޮނޑީގައި އިށީންނެވުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށްވެސް ވިދާޅުވަމުން ގެންދެވިއެވެ. ވަޒީރުންނަށް ހައްސަ ކުރެވިފައިވާ ގޮނޑިތަކުގައި ނީށީންނެވުމަށް އެތައް ފަހަރަކު ތަކުރާރުކޮށް އެންގެވުމަށްފަހު، ގަފޫރުގެ ނަން އިއްވައި މާލަން ދޫކުރައްވައި ނިކުންނެވުމަށް މަޖިލިސް ރައީސް އެންގެވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ގަފޫރުގެ އަމަލަކީ ހުތުރު އަމަލެއް ކަމަށާއި، އަދި އެއީ ބަރުލަމާނީ ނިޒާމުގައި ކަން އޮންނަ ގޮތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު